Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ކޮރަޕްޝަންގެ މައްސަލަތަކުގައި މަޑުން ނުތިބޭނެ

މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތަކުގައި މަޑުން ނުތިބޭނެ ކަމަށް ވެރިކަން ކުރާ، ޕީއެންސީން ބުނެފި އެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ކޮރަޕްޝަނާއި ދެކޮޅަށް ގައުމީ ފެންވަރުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާ ކަމަށާއި ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބު ކުރީ ކޮރަޕްޝަނާއި ދެކޮޅު މަސައްކަތް ކާމިޔާބު ކުރުމުގެ ނިޔަތުގައި ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލަތަކުގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރާ ތަހުގީގުތަކުން ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އެ އިދާރާތަކުން ކުރީ ސަރުކާރުގެ ވެރިންނަށް ތުހުމަތުތަކެއް ކުރާއިރު ވަކި ސިޔާސީ މީހަކަށް ބެލުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ބަލާނެ ކަމަށްވެސް ޕީއެންސީން ބުނެ އެވެ.

އެފަދަ ތަހުގީގުތަކަށް ވަގުތާއި ވަސީލަތްތައް ބޭނުންވާނެ ކަމަށާއި އަވަސްމިނެއްގައި ތަހުގީގުތައް ކުރިއަށްގެންގޮސް، ހެކި ހޯދުމަށް މިނިވަން މުއައްސަސާތަކުން ކުރާ މަސައްކަތްތައް ބަލައިގަންނަ ކަމަށް ޕީއެންސީން ބުނެ އެވެ. މި މައްސަލަތަކުގައި ޝާމިލުވެފައިވާ ފަރާތްތަކަށް އަވަސް ފިޔަވަޅު އަޅައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށާއި މިއީ ގައުމުގެ ކުރިމަގާއި ރައްޔިތުންނާ ސީދާ ގުޅިފައިވާ މައްސަލަތަކެއް ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން ލަސްކުރުމެއް ނެތި މި މައްސަލަތަކުގައި ހޯދިފައިވާ ހޯދުންތައް ރައްޔިތުންނާ ހިއްސާކުރުމަށް ޕީއެންސީން ވަނީ ފުލުހުންނަށް ވެސް ގޮވާލާފަ އެވެ.

ޕީއެންސީން ބުނީ އިދިކޮޅު ފަރާތްތަކުން ރައީސް މުއިއްޒަށް ތުހުމަތުތައް އަމާޒުކުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށާއި މީގެ ކުރިން އަމިއްލަ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ގޮވާލުމުން ވެސް ކޮރަޕްޝަންގެ މައްސަލަތަކުގައި އޭރުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށް ޕީއެންސީން ބުނެ އެވެ.

ނަމަވެސް މި ސަރުކާރުން ސިޔާސީ ޕްރެޝަރުތައް ކުރިމަތިކުރުވިޔަސް، ކޮރަޕްޝަންގެ މައްސަލަތަކުގައި މަޑުން ނުތިބޭނެ ކަމަށާއި އެފަދަ މައްސަލަތައް ބެލުމުގައި ސަރުކާރުން ކުރާ މަސައްކަތްތަކަށް ޕީއެންސީގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައިވެ އެވެ.