ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހްއާ، ހަކަތައާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް ބައްދަލު ކުރައްވައި، ކުންފުނީގެ މަސައްކަތްތައް މިހާރު ވުރެ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނަކައިން ދެމުންގެން އަންނަ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަގުތަކާ ބެހޭ ގޮތުން މަޝްވަރާކުރި އެވެ. އެގޮތުން ފެނަކައިގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީން އެހީތެރިވެދެވި ދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.
މީގެ އިތުރުން، ފެނަކައިން މިހާރު ކުރިއަށްގެން ދާ އެކިއެކި މަސައްކަތްތަކާއި ކުރިމަގުގެ ޕްލޭންތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވުނެވެ.
"ފެނަކައަކީ ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް،" ތޯރިގް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ފެނަކައިގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުން."
އެމްޑީ ވިދާޅުވީ، މިނިސްޓްރީގެ އެހީތެރިކަމާއެކު މިހާރު ފެނަކައިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ވެސް ފެނާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ.
"މި ބައްދަލުވުމުގައި ވަރަށް މުހިންމު ކަންތައްތަކެއް މަޝްވަރާކުރެވި، ކުރިއަށް އޮތް ތަނުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާނެ." ނަޖާހް ވިދާޅުވި އެވެ.
އޭނަ ފެނަކައިިގެ އެމްޑީގެ މަގާމަށް މި މަހުގެ 23 ގައި އައްޔަން ކުރީ، ކުރިން އެ މަގާމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދު ހަމަ އެ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.