ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ޑިޖިޓަލް ކެމްޕޭންތަކެއް ހިންގުމަށް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.
އެ ކުންފުނިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއާޕާސަން އަބްދުﷲ ގިޔާސް ވިދާޅުވީ ޑިޖިޓަލް ކެމްޕޭންތަކުގެ ސަބަބުން ހަރަދުތައް ވެސް ކުޑަކުރެވިގެން ދާނެ ކަމަށެވެ.
"މީގެ ކުރިން އަޅުގަނޑުމެން ފާހަގަކޮށްފައި ވާނެ، ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެންގެ ވަސީލަތްތަކުގެ 80 ޕަސަންޓް މި ބޭނުން ކުރެވޭނީ ޓްރެވެލް ޓްރޭޑް ފެއާތަކަށް. މިއަންނަ އަހަރު އަޅުގަނޑުމެން ބޮޑަށް އިސްކަން މި ދެ ޑިޖިޓަލީ ޑްރިވެން ކެމްޕެއިންތަކަކަށް،" އޭނަ ވިދާޅުވި އެވެ. "އެޑްވަޓައިޒިން ވައިރަލް ކެމްޕެއިންސް، ބީ ޓު ސީ ނެޓްވޯކިން އިވެންޓްސް އިންޓަނޭޝަނަލް އެއާލައިންތަކާއި ބްރޭންޑްސްތަކާއި ކޮލާބޮރޭޓްވެގެން."
އޭނަ ވިދާޅުވީ އޮންލައިން މިނީ ކެމްޕެއިނެއް ދާދި ފަހުން ވެސް ކުރިއަށް ގެންދިޔަ ކަމަށާއި އެ ކެމްޕެއިން ތެރެއިން ވެސް 22 މިލިއަން އިމްޕްރެޝަން އެއް މަސްތެރޭގައި ލިބިގެން ދިޔަ ކަމަށެވެ. އެހެންވެ އެ ކަމީޔާބީ އަށް ބިނާކޮށް، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި ބުކިން ޕްލެޓްފޯމްތަކާއި ގުޅިގެން މާކެޓިން ކެމްޕެއިންތައް އަންނަ އަހަރު ވަރަށް ފުޅާމޮށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގެ އަންނަ އަހަރުގެ އެންމެ ބޮޑު އެއް ޓާގެޓަކީ އަންނަ ޓޫރިސްޓުންގެ އަދަދު 15 ޕަސެންޓް އިތުރުކޮށް، އާމްދަނީ ފަސް ޑޮލަށް އެރުވުމެވެ.
އެމްއެމްޕީއާރްސީން ބުނީ އެ އަމާޒުތަކަށް ވާސިލުވާން އަންނަ އަހަރުގެ ތެރޭގައި ވަރަށް ގި މަސައްކަތްތަކެއް ކުރެވޭވޭނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ވަރަށް ގިނަ ކަންކަން ރޭވިފައި އެބަހުރި ކަމަށް ބުންޏެވެ.
މި އަހަރު ރާއްޖެ އިން ދެ މިލިއަން ޓޫރިސްޓުން ގެންނަން ހިފި އަމާޒު މި މަހުގެ 26 ގައި ވަނީ ހާސިލުވެފަ އެވެ.