Last Updated: July 16, 13:57
Thursday, July 16, 2026
މުނިފޫހިފިލުވުން

ރާޖަމޯލީގެ އާ ފިލްމުގެ ބަތަލާއަކީ ޕްރިޔަންކާ

މިހާރު އިންޑިއާގެ އެންމެ ވަރުގަދަ ޑައިރެކްޓަރު ކަމަށްވާ އެސްއެސް ރާޖަމޯލީގެ އާ ފިލްމުގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ބޮޑު ބަޖެޓް އެކްޝަން އެޑްވެންޗާ ފިލްމުގެ ބަތަލާގެ ރޯލު ޕްރިޔަންކާ އަށް ހުށަހަޅައި އެކަމުގެ މަޝްވަރާތަކެއް މިހާރު ކުރިއަށްދާ ކަމަށެވެ.

މިފަދަ ވާހަކަތަކެއް މި ދެކެވެން ފެށީ ދާދި ފަހުން ސައުދީ އަރަބިއްޔާގައި ނިންމައިލި 'ރެޑް ސީ އިންޓަނޭޝަނަލް' ފިލްމު ފެސްޓިވަލްގެ ތެރޭގައި ބައިވެރިވެ، ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި އަންނަ އަހަރު އިންޑިއާގެ ފިލްމެއް ކުޅޭނެކަމުގެ ޔަގީންކަން ދީފައި ވަނިކޮށެވެ. ނަމަވެސް އެއީ ކޮން ފިލްމެއް ކަމެއް އޭނަ ހާމައެއް ނުކުރެ އެވެ.

މީޑިއާތަކުން ބުނީ މަހޭޝް އާއި ޕްރިޔަންކާގެ އިތުރުން ރާޖަމޯލީގެ އާ ފިލްމުގެ މުހިއްމު ރޯލެއް މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ވެސް ކުޅޭނެ ކަމަށެވެ.

އަންނަ އަހަރު ރަސްމީކޮށް އިއުލާންކޮށް، ޝޫޓިން ފަށާނެ ކަމަށް ގަބޫލުކުރެވޭ ރާޖަމޯލީގެ އާންމު އުސޫލުގެ ދަށުން އޭނަ އާއި ބައްޕަ ކުޅަދާނަ ސްކްރީން ރައިޓަރު ވިޖެޔަންދުރަ ޕްރަސާދު ގުޅިގެން ލިޔެފައިވާ ސްކްރިޕްޓަކަށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. އިންޑިއާގެ ސިނަމާގެ ވަރުގަދަކަން ބޭރުގެ ދުނިޔެ އަށް ސާބިތުކޮށް "ބހްބަލީ" ގެ ދެ ފިލްމު ވެސް ޑައިރެކްޓްކުރި ރާޖަމޯލީގެ އެންމެ ފިލްމަކީ މިދިޔަ އަހަރު އޮސްކާ އެވޯޑެއް ވެސް ހޯދި "އާރްއާރްއާރް" އެވެ.

ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އާއި އާލިއާ ބަޓްގެ އިތުރުން އަޖޭ ދޭވްގަން މުހިއްމު ރޯލުތަކުން ފެނިގެން ދިޔަ އެ ފިލްމަށް ލިބުނު އޮސްކާ އަކީ "ނާޓު ނާޓު" ލަވަ އަށް ލިބުނު އެންމެ މޮޅު އޮރިޖަނަލް ލަވައިގެ އެވޯޑެވެ.

ރާޖަމޯލީގެ އާ ފިލްމުގެ ބަތަލާ އަކީ ޕްރިޔަންކާ ކަމަށް މިހާރު ވާހަކަ ދެކެވެމުން އަންނަ އިރު، އޭނަ އެންމެ ފަހުން ސޮއިކުރި ފިލްމަކީ ބޮލީވުޑްގެ ޑައިރެކްޓަރު ފަރްހާން އަޚްތަރު 2021 ގައި، ތިން އަންހެން އެކުވެރިއަކަށް ބިނާކޮށް ހަދަން އިއުލާންކުރި ޓްރިޕް ފިލްމު "ޖީ ލޭ ޒަރާ" އެވެ. އޭގެ ކާސްޓަށް ނެގީ ޕްރިޔަންކާގެ އިތުރުން އާލިއާ އާއި ކެޓްރީނާ ކައިފެވެ.

ނަމަވެސް "ޖީ ލޭ ޒަރާ" ގެ މަސައްކަތް މިހާތަނަށް އޮތީ ނުފެށި އެވެ.

ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ބޮލީވުޑްގެ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ.

އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ހޮލީވުޑް ފިލްމު "ލަވް އެގެއިން" އިންނެވެ. ޕްރިޔަންކާ ކުރިއަށް ހުރި ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި "ދަ ބްލަފް" އާއި "ހެޑްސް އޮފް ސްޓޭޓް" ގެ އިރުތުން ވެބް ސީރީޒް "ސިޓަޑެލް" ސީޒަން ދޭއް ހިމެނެ އެވެ.

މި ތިން ޕްރޮޖެކްޓްގެ ޝޫޓިން ވެސް އޮތީ ނިންމައިފަ އެވެ. އެހެންވެ އަންނަ އަހަރު އެ އުފެއްދުންތައް ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.