"ބިންވެރިޔާ" ސްކީމްގެ ދަށުން ނުހައްގުން ގޯތި ދިން ކަމަށް ބެލެވޭ މައްސަލައިގެ ތުހުމަތުގައި ޕާސްޕޯޓް ހިފަހެއްޓި މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންތަކެއް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހެއްޓީ މި މަހުގެ ކުރީކޮޅު އެވެ. އޭގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް އާއި ހުޅުމާލެ އިން ގޯތި ލިބުނު އޭނަގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަަކަށް ހުންނެވި މުހައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ.
ފުލުހުން ބުނީ މިހާރު ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލި ނަމަވެސް ފަޒުލް އާއި ފަޒީލް ނުހިމެނޭ ކަމަށެވެ.
ނުވަ މީހުންގެ ޕާސްޕޯޓު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ މަޝްވަރާކޮށް، ޕީޖީގެ ލަފާގެ މަތިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނުހައްގުން ގޯތި ދިން މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ.
ގޯތީގެ މައްސަލައިގައި އެޗްޑީސީގެ 15 މުވައްޒަފަކު ސަސްޕެންޑްކޮށް، ވަޒީފާ އިން ވެސް ވަކިކުރި އެވެ. ނަމަވެސް އެ މުވައްޒަފުންނަށް މިދިޔަ ހަފުތާގައުި އަލުން ވަޒީފާ ދީ، އަލުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.