Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ދެކުނު ކޮރެއާގެ ފްލައިޓް ވެއްޓުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުއާން އިންޓަނޭޝަނަލް އެއަޕޯޓަށް ދެކުނު ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް ފޮނުއްވި މެސެޖުގައި، މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާބޯޓު ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވެ އެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ކޮރެއާ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަގޮތެއްގައި މި ހާދިސާގެ ސަބަބުން އަސަރުކުރި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރައީސް ވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިތްވަރާއި ސާބިތުކަމަށް އެދިވަޑައިގެންފަ އެވެ.

މި ބޯޓުގައި 175 ފަސިންޖަރުންނާއި ހަ ކްރޫ ތިބި އިރު ސަލާމަތްވީ ދެ މީހުންނެވެ. ޖެޖޫ އެއާގެ އެ ބޯޓު ދަތުރުކުރަމުން ދިޔައީ ތައިލެންޑުގެ ބެންކޮކުން ފުރައިގެންނެވެ.