Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ކާޓާ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ އަވަހާރަވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެމެރިކާ އަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި، އެ މަނިކުފާނާއި ދިވެހި ރައްޔިތުން ބައިވެރިވާ ކަމަށެވެ.

އުމުރުފުޅުން 100 އަހަރުގައި ކާޓާ އަވަހާރަވިއިރު، ފާއިތުވި 19 މަސް ދުވަސް ކާޓާ ހޭދަކުރެއްވީ އެ މަނިކުފާނުގެ އުފަން ޖޯޖިއާ ސްޓޭޓުގެ ޕްލެއިންސް ސިޓީގައި ހުންނަ އަމިއްލަފުޅު ގެކޮޅުގަ އެވެ.

ކާޓާ އަކީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ހުންނަވަނިކޮށް 100 އަހަރު ފުރުނު ހަމައެކަނި ރައީސް އެވެ. ކާޓާ އަށް 100 އަހަރު ފުރުނީ މިދިޔަ އޮކްޓޫބަރު މަހު އެވެ.

ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ކާޓާ އަކީ އެމެރިކާގެ 39 ވަނަ ރައީސެވެ. އެމަނިކުފާނު ރައީސްކަން ކުރެއްވީ ޖެނުއަރީ 20، 1977 އިން ޖެނުއަރީ 20، 1981 އަށެވެ.

ނޯބަލް ސުލްހައިގެ އިނާމުގެ އިތުރުން ގްރެމީ އެވޯޑް ވެސް ހޯއްދަވާފައިވާ ކާޓާގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.