ދިވެހި ވިޔަފާރިވެރިންނަކީ ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް މަޑުން ނުތިބެ، ކުރިއަރަން މަސައްކަތް ކުރާ ބައެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ބުދަ ދުވަހު އަމަލު ކުރަން ފެށުން ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު މާކެޓާއެކު، ރާއްޖޭގެ ވިޔަފާރީގެ ތާރީޙުގައި ވެސް ވިޔަފާރީގެ ދާއިރާއިން ކުރިން ނުލިބޭ ފަދަ ކުރިއެރުންތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން ކަށަވަރު، މިހެން ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ރާއްޖޭގެ ވިޔަފާރިވެރިން މަޑަކުން ނުތިބޭނެ. ކުރިއަރައިދާން އެތައް މަސައްކަތެއް ކުރާނެ. އެބޭފުޅުންގެ ހުންނާނެ ހިޔާލުތައް. އެ ބޭފުޅުންގެ ހުންނާނެ ސަރުކާރަށް ވެސް ދޭން ބޭނުންވާ ލަފާތައް. އެބޭފުޅުންގެ ހުންނާނެ ވަރަށް ތަނަވަސް ވިސްނުންތައް،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ 1972 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ފެށި ޓޫރިޒަމަކީ އޭގެ މިސާލެއް ކަމަށާއިމިއަދު ދުނިޔޭގައި އަތްފުނާ އަޅައިގެން ބެލި ނަމަވެސް ރާއްޖެ އަށް ވުރެ ލަގްޒަރީ އިންޑަސްޓްރީއެއް ދުނިޔޭގައި ނޯންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"އެއީ ދިވެހިންގެ ހިތްވަރަކީ. އެއީ ދިވެހި ވިޔަފާރިވެރިންގެ ހިތްވަރަކީ،" ސައީދު ވިދާޅުވި އެވެ.
މީގެއިތުރުން ސައީދު ވަނީ ޗައިނާއާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ފަހިވެގެންދަނީ ވަރަށް ތާރީހީ ފުރުސަތެއް ކަމަށާއި މިއީ ކުރިއަށް އޮތް ތަނުގައި ފަސް އެނބުރި ބަލައި، މިދުވަސް ފާހަގަ ވެސް ކުރާނެ ވަރުގެ ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރު އެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބުނު ނަމަވެސް 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖައްސާލާފަ އެވެ.