Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ރާއްޖޭގެ ވެރިކަން ވައްޓާލަން އިންޑިއާއިން އެހީއެއް ނުވާނެ

ރާއްޖޭގެ ވެރިކަން ވައްޓާލަން އިންޑިއާ އިން އެހީ ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އިންޑިއާގެ ޖާސޫސީ އިދާރާ، ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ރޭވި ކަމަށް ބުނެ އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރައީސް މުއިއްޒާއި ދެކޮޅަށް މިފަދަ ރޭވުމެއް ރޭވިކަން ކުރިން އެނގިފައި ނުވާ ކަމަށާއި އިންޑިއާ އިން މިފަދަ ކަމަކަށް އެހީ ނުވާނެ ކަމަށެވެ. އެގޮތުން އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ޑިމޮކްރެސީ އަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އިންޑިއާ އިން ދުވަހަކު ވެސް ނާންގާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ވޮޝިންގްޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓުގައި ވަނީ އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ ކަމަށްވާ ރިސާޗް އެންޑް އެނަލިސިސް ވިންގް (އާރްއޭޑަބްލިޔު) އިން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ސަރުކާރާ އިދިކޮޅު ސިޔާސީ ލީޑަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދިނުމާއި، ސިފައިންނާއި ފުލުހުންގެ އިސް 10 އޮފިޝަރަކަށް ރިޝްވަތު ދިނުމާއި، ރާއްޖޭގެ ނަން މަޝްހޫރު ތިން ގޭންގަކަށް ރިޝްވަތު ދިނުން ހިމެނޭ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.

އެ ޕްލޭން ތަންފީޒުކުރަން ބޭނުންވާ ހަ މިލިއަން ޑޮލަރު އިންޑިއާއިން ހޯދުމަށް އެ ގައުމާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެ އެވެ. ނަމަވެސް އެ ޕްލޭނާ އެއްގޮތަށް ކަންކަން ނުދިއުމުން އިންޑިއާއިން ފައިސާ ދޭން ދެކޮޅު ހަދާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.