Last Updated: July 16, 13:57
Thursday, July 16, 2026
މުނިފޫހިފިލުވުން

ކާތިކް އާ ފިލްމަށް ސޮއިކުރީ 50 ކްރޯޑަށް

މިދިޔަ ހަފުތާގައި ކާތިކް އާރިއަން ހިމަނައިގެން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އިއުލާންކުރި ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ" އޭނަ ސޮއިކުރީ 50 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެހެންވެ އެ އަގަކީ 33 އަހަރުގެ އެކްޓަރުގެ ކެެރިއަރުގައި މިހާތަނަށް އެންމެ ބޮޑު އަގަކަށް ސޮއިކުރި ފުރަތަމަ ފިލްމެވެ. އަދި 50 ކްރޯޑްގެ ފީއާ އެކީ ކާތިކް ވެފައި މި ވަނީ އެ އަގަށް ފިލްމަކަށް ސޮއިކުރި ފުރަތަމަ ޒުވާން އެކްޓަރަށް ވެސް މެ އެވެ. މޮޅު އަދި އެހާމެ ކާމިޔާބު އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކާތިކް ފިލްމު ކުޅޭ އަގު އެންމެ ފަހުން ބޮޑުކުރީ 2022 ގަ އެެވެ. އެއީ އެ އަހަރު ރިލީޒްކުރި "ބޫލް ބުލައްޔާ 2" އަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ.

އޭރު ފިލްމު ކުޅޭ އަގު 35-40 ކްރޯޑް ރުޕީސް އަށް ބޮޑުކުރި އެވެ.

މިހާރު 50 ކްރޯޑް ރުޕީސް އަށް ކާތިކް ފިލްމަކަށް ސޮއިކޮށްފައި މި ވަނީ މިދިޔަ މަހު ރިލިޒްކުރި "ބޫލް ބުލައްޔާ 3" އަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ. އޭނަ އަކީ މިހާރު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ވަރަށް އިތުބާރުކުރާ "ބޭންކަބަލް" އެކްޓަރެކެވެ.

ކާތިކް ފެންނާނެ ދަރުމާގެ ފުރަތަމަ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ 2026 ގަ އެވެ. މި ރޮމޭންޓިކް ކޮމެޑީގެ ޑައިރެކްޓަރަކީ އޭނަގެ މިދިޔަ އަހަރުގެ "ސަތިއަޕްރޭމް ކީ ކާތާ" ގެނެސްދިން ސަމީރު ވިދުވަންސް އެވެ.

ކާތިކް ސޮއިކޮށްފައިވާ ފިލްމުތަކު ތެރޭގައި ޑައިރެކްޓަރު އަނޫރާގް ބާސޫގެ "އާޝިގީ 3" އާއި 2019 ގެ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ދެވަނަ ބައި ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ކާތިކް ވަރުގަދަ ތަރިއަކަށް ބަދަލުކޮށްލި ޑައިރެކްޓަރު ލަވް ރަންޖަންގެ 2018 ގެ ފިލްމު "ސޯނޫ ކީ ޓިޓޫ ކީ ސްވީޓީ" ގެ ދެވަނަ ބައި ވެސް ހަދަން އަންނަނީ ތައްޔާރުވަމުންނެވެ.