ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނީ އުސޫލާ ހިލާފަށް ކަމަށް ބުނެ އެކަން ބާތިލުކޮށް ދޭން އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ އާންމު މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ 10،000 މީހުންގެ އާބާދީ ތިނަދޫގައި 10000 މީހުން ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ ބާތިލުކުރަން އެދި ހުށަހެޅި މައްސަލަ ހައި ކޯޓުން އިއްޔެ ކޯޓުން ބޭރުކޮށްލި އިރު ރައީސް އޮފީހަށް ރައްދުވާ އެ ދުސްތޫރީ މައްސަލަ މިދިޔަ މަހުގެ 21 ގައި ހައި ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދެވެ.
ކޯޓުން މައްސަލަ ބޭރުކޮށްލި އިރު، ހައި ކޯޓްގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާގެ ނިންމެވުމުގައިވަނީ އެ މައްސަލަ އަކީ މަޖިލީހުގެ ގާނޫނުން ލިބޭ ބާރަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއްކަން ހުށަހެޅި މައްސަލައިގެ ލިޔުމުން ބުނެދެވިފައި ނުވާ ކަމަށެެވެ. އެހެންވެ އެ މައްސަލަ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
ނަމަވެސް ރަޖިސްޓްރާގެ ނިންމުންތައް މުރާޖާކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅޭނެ އެވެ.
ރާގިބު ހުށަހެޅުއްވި މައްސަލާގައި ބުނީ ތިނަދޫގައި 10،000 މީހުން ހަމަވާ ކަމަށް ދައްކާފަ އިވަނީ ސައްހަ ނޫން ލިޔެކިޔުންތަކުގެ މައްޗަށް ބިނކޮށް ކަމަށެވެ. އަދި 10،000 މީހުން ހަމަކުރުމަށްޓަކައި ކައުންސިލްގެ ދަފުތަރުގައި މަރުވެފައިވާ 115 މީހަކު ވެސް ހިމަނާފައިވާ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން އަދަދު ހަމަކުރަން ކައުންސިލްގެ ލިސްޓުގައި ތަކުރާރުވާ އައިޑީ ކާޑުތައް ގިނަ ކަމަށް ވެސް ބުނެފައިވެ އެވެ.
އެގޮތުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ ރަޖިސްޓްރީ ލިސްޓާއި ކައުންސިލްގެ ލިސްޓު އަޅައިކިޔުމުން ގާނޫނީ ގިނަ މައްސަލަތަކެއް ފާހަގަވާ ކަމަށާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރުން ހޯދި ލިސްޓުން ފެންނަނީ 17 ނޮވެމްބަރުގެ ނިޔަލަށް ތިނަދޫގެ އާބާދީ އަކީ 7،924 މީހުން ކަމަށެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނީ މިދިޔަ އަހަރުގެ އޮގަސްޓް 31 ގައި ރައީސްގެ ގަރާރަކުންނެވެ. އެގޮތުން ކުރީގެ ސަރުކާރުން އެ ނިންމުން ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް އޮތީ ދަމަހައްޓައިފަ އެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި މައްސަލަތައް ހުރިކަން ފާހަގަ ކުރައްވައި އެ ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ ވެސް އެ މައްސަލަ މިދިޔަ މަހުގެ ތެރޭގައި މަޖިލީހަށާއި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ހުށަހަޅުއްވާފައިވެ އެވެ.