ޝާހިދު ކަޕޫރް ހިމަނައިގެން ޑައިރެކްޓަރު ސުޖޯއި ގޯޝް ތުރިލާއެއް ހަދަން ޕްލޭން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމަކީ ކުރިން ވެސް ޝާހިދަށް ސުޖޯއި ނެރޭޓްކޮށް ދިން ސްކްޕްރިޓަކަށް ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. ފިލްމަށް ކުރިން ކުރިން ޝާހިދު އެއްބަސްނުވީ ވަގުތުގެ ދަތިކަމާއި މިސްޓްރީ ތުރިލާއަކަށް އޭރު ތައްޔާރު ނޫން ކަމަށް ބުނެ ކަމަށްވެ އެވެ.
ނަމަވެސް އަލުން ޝާހިދަށް ސުޖޯއި މި ޕްރޮޖެކްޓް ހުށަހެޅުމުން ފެހި ސިގްނަލް ދީފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން ދެ ފަރާތުން ވެސް އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ޝާހިދާ އެކީ ސުޖޯއި ފިލްމެއް ހަދަން ޕްލޭންކުރާ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިޥާ ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ ޚާންގެ އެކްޝަން ތުރިލާ "ދަ ކިންގް" ގެ ޑައިރެކްޝަން ސުޖޯއިގެ އަތުން ނަގައި، ޕްރޮޑިއުސަރު ސިދާތު އާނަންދު ޑައިރެކްޓްކުރާ ގޮތަށް ހަމަޖެހުނު ވާހަކަ މިދިޔަ ހަފުތާގައި މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ސިދާތަކީ ޝާހްރުކްގެ މިދިޔަ އަހަރުގެ "ޕަތާން" ގެ ވެސް ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން ކުޅުނު މި އަހަރުގެ "ފައިޓާ" އެވެ.
"ކަހާނީ" އާއި "ބަދުލާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ސުޖޯއިގެ އެންމެ ފަހުގެ ފިލްމަކީ ކަރީނާ ކަޕޫރްގެ މިދިޔަ އަހަރުގެ މިސްޓްރީ ތުރިލާ "ޖާނެ ޖާ" އެވެ.
ޝާހިދު މިހާރު އަންނަނީ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ "އަރުޖުން އުސްތާރާ" ގެ މަސައްކަތް ކުރަމުންނެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 31 ގައި ސިނަމާތަކަށް ގެންނަ އެކްޝަން ތުރިލާ "ދޭވާ" އެވެ.