ޓްރިނިޑާޑް އެންޑް ޓޮބޭގޯގައި ބޮޑެތި މާރާމާރީތައް އިތުރުވުމާ ގުޅިގެން ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.
އެކަން އިއްޔެ އިއުލާންކޮށް، ބައެއް ފިޔަވަޅުތައް ވެސް ވަނޫ އަޅައިފަ އެވެ. ކުއްލި ހާލަތު އިއުލާންކުރި ނަމަވެސް ޓްރިނިޑާޑް އެންޑް ޓޮބޭގޯގައި ކާފިއު އިއުލާންކޮށްފައެއް ނުވެ އެވެ.
ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރައްވައި ބޮޑުވަޒީރު ކީތު ރައުލީފެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ފިޔަވަޅެއް އަޅަން މަޖުބޫރުވި ހަފުތާ ބަންދުގައި ވެސް ހިނގައި ދިޔަ ބޮޑެތި ގާތުލުއާންމުތަކާ ގުޅިގެން ކަމަށާއި ކުއްލި ހާލަތު އިއުލާންކުރީ އަދިވެސް އެފަދަ ހާދިސާތަކެއް ހިންގުމުގެ ބިރު އޮތުމާ ގުޅިގެން ކަމަށެވެ.
ބޮޑުވަޒީރު ވަނީ މި އަހަރަކީ ގައުމުގައި ކުށްކުރުން ވަރަށް ބޮޑަށް އިތުރުވި އަހަރެއްކަން ފާހަގަ ކުރައްވައި ހާއްސަކޮށް ބޮޑެތި މާރާމާރީތައް އިންތިހާ އަށް އިތުރުވި އަހަރެއް ކަމަށް ވިދާޅުވެފަ އެވެ. ހަފުތާގައި ބަންދުގައި ހިންގި މާރާމާރީތަކާ އެކު، މި އަހަރުގެ މިހާތަނަށް ޓްރިނިނާޑް އެންޑް ޓޮބޭގޯގައި މަރާލި މީހުންގެ އަދަދު 623 އަށް އަރަ އެވެ. މިއީ 2013 ގެ ފަހުން އެ އަދަދު މިހާ ބޮޑަށް އިތުރުވި ފުރަތަމަ ފަހަރެވެ.
މި މަހުގެ ތެރޭގައި އެކަނި ވެސް މަރާލި މީހުންގެ އަދަދު 61 އަށް އަރަ އެވެ.
އަނެއްކޮޅުން އެ ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަކީ ކެރީބިއަން ގައުމުތަކުގެ ތެރެއިން މީހުން މެރުމުގެ ނިސްބަތް އެންމެ މަތި އެއް ގައުމެވެ.
ކުއްލި ހާލަތު އިއުލާންކޮށް ކޯޓް އަމުރު ނެތި މީހުންނާއި ތަންތަން ބަލައި ފާސްކުރުމާއި ފުލުުންގެ ބެލުމުގެ ދަށަށް މީހަކު ގެންދަން ޖެހޭ ހާލަތްކުގައި 48 ގަޑިއިރަށް ބަންދު ކުރުމުގެ ބާރު ވެސް ފުލުޖުންނަށް މިހާރު ވަނީ ދީފަ އެވެ.
ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަކީ 1.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.