Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

އެސްއޯއީތަކުން ލޯނު ނަގާނަމަ ހުއްދަ ހޯދަންޖެހޭ ގޮތް ހަދައިފި

ސަރުކާރު ކުންފުނިތަކުން ލޯނު ނަގާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓަޒޭޝަން ބޯޑުން ބުނީ ސަރުކާރު ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުން ލޯނު ނެގުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމަށް ގައިޑްލައިނެއް އެކުލަވާލާފައިވާ ކަމަށެވެ.

އެ ގައިޑްލަައިނުގެ ދަށުން ލޯނު ނަގަން ބޭނުންވާ ކުންފުނިތަކުން އެ ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކޮށް، ލޯނު ނެގުމަށް ބޯޑުން ނިންމުމަށްފަހު، ކުންފުނީގެ ހިއްސާދާރުންގެ ހުއްދަ އަށް ފޮނުވަންޖެހޭނެ އެވެ. އަދި އެ ހުއްދަ ލިބުމުން އެ ލޯނު ނެގުމަށް ކުންފުނީގެ ބޯޑުން ފާސްކުރާތާ ފަސް ދުވަހުގެ ތެރޭގައި ޕީސީބީއަށް އަންގަންވެސް ލާޒިމުކޮށްފައިވެ އެވެ.

ސަރުކާރުގެ ފަރާތުން ލޯނު ނެގުމަށް އެސްއޯއީތަކަަށް ހުއްދަ ދޭނީ ފިނޭންސް މިނިސްޓްރީންނެވެ. ސަރުކާރުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުނިތަކުންވެސް ލޯނު ނެގުމަށް އެ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭނެ އެވެ.

އޭގެ އިތުރުން ކުންފުނީގެ އޮނިގަނޑަށް އަދި މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނަނަމަ ކުންފުނިން އެކަމާ ގުޅޭ އިޖުރާއާތުތައް ފުރިހަމަކޮށް ފިނޭންސްގެ ހުއްދަ ހޯދަންޖެހޭނެ ކަމަށްވެސް ގައިޑްލައިނުގައި ބުނެފައިވެ އެވެ.

މީގެއިތުރުން ކުންފުނިތަކުން އިންވެސްޓުމެންޓުތައް ހެދުމުގެ ކުރިންނާއި މުވައްޒަފުންނަށް ބޯނަސް ނުވަތަ އިންސެންޓިވްތައް ދިނުމަށް ނިންމުމުގެ ކުރިންވެސް ފިނޭންސް މިނިސްޓްރީން ހުއްދަ ނަގަންޖެހޭނެ އެވެ.