މިއީ ރައްޔިތުންނަށް ގޮންޖެހުމާއި، މާޔޫސްކަން ގެނުވި އަހަރެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ މި ނިމިގެންދާ އަހަރަކީ ދިވެހި ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ކަމަށާއި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރު ކުރުމުގައި ދިމާވަމުންދިޔަ ދަތިތަކާއި، ރައްޔިތުންގެ އަސާސީ ހިދުމަތްތައް ހޯދުމުގައި ދިމާވަމުންދިޔަ ހުރަސްތަކާއި، ގައުމުގެ އިގްތިސާދާއި، ވިޔަފާރި އާއި މަސްވެރިކަމާއި ފަތުރުވެރިކަމާއި އެހެނިހެން ވެސް އިގްތިސާދީ ހަރަކާތްތައް ހުރަސްއެޅިގެންދިޔަ ކަމަށެވެ.
އަދި މިއަހަރުތެރޭ ސަރުކާރުން ޒުވާނުންނަށް މާޔޫސްކަން ގެނުވާ ފަދަ ބޮޑެތި ބޮޑެތި ނިންމުންތައް ނިންމި ކަމަށާއި، އިޖުތިމާއީ ރައްކާތެރި ކަމުގެ މުޅި ނިޒާމު ރޫޅިގެންދިޔަތަން ފެނިގެންދިޔަ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މިހިރަ ކަންތައްތަކަކީ މިދިޔަ އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ތަޖުރިބާ ކުރަން ޖެހުނު ކަންކަން. ޖުމްލަ ގޮތެއްގައި ދަންނަވާނަމަ، ރައްޔިތުން އަބަދުމެ ނިކަމެތި ކަމާއި ހާސްކަމާއި، ދެންވާނީ ކިހިނެއްކަން ނޭނގިގެން ތިބި އަހަރެއް ކަމުގައި މި ނިމިގެންދާ އަހަރު އަޅުގަނޑަށް ފާހަގަ ވެގެންދޭ،" ޝާހިދު ވިދާޅުވި އެވެ.
އާ އަހަރަށް މަރުހަބާ ކިޔާއިރު މާޔޫސްކަމުގެ ތެރޭގައި ކަސްތޮޅު އެޅިގެން ތިބެގެން ނުވާނެ ކަމަށާއި ދިވެހިންނަށް ހައްގު މިންވަރު ހޯދުމަށް ފަސްޖެހިގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އަދަށްވުރެ ފެހި، އަމާން ޒަމާނެއް ރައްޔިތުންނަށް ހޯދުމަށް އާ ހިތްވަރަކާއި އެކުގައި، މަސައްކަތް ފަށަންޖެހޭ ކަމަށާއި އެ ފެހި ޒަމާން، އެ ރޯޝަން ރާއްޖެ ހޯދޭނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.