ރާއްޖެއިން ޗައިނާއާ އެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އަށް އަމަލުކުރަން ފެށުމުން މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ޗައިނާއާއެކު ހަދާފައިވާ އެފްޓީއޭ އަށް މާދަމާ އިން ފެށިގެން އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާއިރު، ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުމަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިގުތިސާދީ ގުޅުން ރަމްޒުކޮށްދޭ މުހިންމު މޭލުގާއެއް ކަމަށެވެ.
އެ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގެ އިންވެސްޓްމެންޓުތަކަށް ފުރުސަތު ހުޅުވި، ރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރިއަރައިގެން ދާނެ ކަމަށާއި އަދި އެފަދަ އެއްބަސްވުމެއްގެ މައިގަނޑު މަގުސަދުތަކަކީ އެކްސްޕޯޓް އިތުރުކުރުމާއި ވިޔަފާރީގެ ހުރަސްތައް މަދުކުރުމާއި ރާއްޖެއާއި ޗައިނާގެ ވިޔަފާރިތަކަށް އައު ފުރުސަތުތައް އުފައްދައި ފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއްހެން ޗައިނާއަށް ސުން ޓެކުހުގައި އެކްސްޕޯޓް ކުރެވޭނެ ކަމަށާއި އަދި މަހުގެ އުފެއްދުންތައް ރީއެކްސްޕޯޓް ކުރުމަށް ވެސް މަގުފަހިވާކަން ފާހަގަކޮށްފައިވެ އެވެ.
އެކަމުގެ ސަބަބުން ޗައިނާގެ ވިޔަފާރިތަކަށް ރާއްޖެއިން ސީފުޑް ހޯދުމަށް ފަސޭހަވާނެ ކަމަށާއި އަދި މިދިޔަ އޮކްޓޯބަރު މަހުގެ 29ގައި ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކުރި ގުދުރަތީ ކަނޑުގެ އުފެއްދުންތައް ބަލައި ފާސްކުރުމާއި ކަރަންޓީނު ކުރުމުގެ ޕްރޮޓޮކޯލްގެ ސަބަބުން ސީފުޑް އުފެއްދުންތައް ބޭރުކުރަން ފަސޭހަވެ، އެ ބާވަތްތަކުގެ ވިޔަފާރި އިތުރަށް ފުޅާވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
"މި އެއްބަސްވުމުގެ ސަބަބުން މަސްވެރި ސިނާއަތު ކުރިއަރުވައި ސިންދަފާތު ކުރުމަށް ގިނަގުނަ ފުރުސަތުތައް ހުޅުވިގެން ދާނެއެވެ. މި އެއްބަސްވުން ތަންފީޒުކުރެވުމުން މަސްވެރިކަމުން ޖީޑީޕީއަށް ހިއްސާކުރާ މިންވަރު އިތުރުވެ، ސީދާ މަސްވެރިޔާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން ދާނެއެވެ." މިނިސްޓްރީން ބުންޏެވެ.