Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

އިގްތިސާދީ ދަތިތައް ކުޑަކުރަން ލަފާ ހޯދަން ގޮވާލައިފި

އެމްޑީއޭގެ ލީޑަރު ސިޔާމް

އިގުތިސާދީ ގޮތުން މިއަހަރު ދިމާވެދާނެ ކަންތައްތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމަށް ޓަކައި ކަމާގުޅޭ ފަންނީ މާހިރުންގެ ލަފާ ހޯދުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ސަރުކާރަށް ގޮވާލައްވައިފި އެވެ.

އައު އަހަރުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ސިޔާމް ވިދާޅުވީ މި އަހަރަކީ އިގުތިސާދީ ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވެދާނެ އަހަރެއް ކަމަށް މާލީ އިދާރާތަކުން އިންޒާރުދީފައިވާ ކަމަށާއި މި ހާލަތުގައި ރައްޔިތުންނަށް ކުރާނެ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެގޮތުން ކަމާގުޅޭ ފަންނީ މާހިރުންގެ ލަފައާއި އިރުޝާދު ހޯދުމާއި، ކަމާގުޅުންހުރި އެންމެހާ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމުގެ އިތުރުން، މި ކަންކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ދެމެހެއްޓެނިވި މަސައްކަތްތަކެއް އަވަހަށް ކުރުމަށް ސިޔާމް ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން އިގުތިސާދީ ދާއިރާތައް ހަލުވި މިނެއްގައި ކުރިއެރުވުމަށް ހުރި ހުރަސްތައް ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކުރުމަށް ވެސް ސިޔާމް ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ ނަޒާހަތްތެރިކަމާއެކު ބޭނުންކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ވެސް ގޮވާލެއްވި އެވެ.

ސިޔާމް ވަނީ އައު އަހަރާ ކުރިމަތިލިއިރު، މުސްލިމް އުއްމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަނިޔާވެރި އަދި އުދުވާނީ ހަމަލާތައް ކަމަށް ވިދާޅުވެފަ އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރި ކުރަމުން ސިޔާމް ވަނީ ވަގުތު ފާއިތުވުމުގެ ކުރިން މިކަމުގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފަ އެވެ.