ހެޔޮ ވިސްނުން އިސްކުރުން އައު އަހަރުގެ އަޒުމަކަށް ހަދަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައު އަހަރުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ އާ އަހަރުގައި ފަރުދީ ޢަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރުން ކަމަށެވެ. ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަން ކަމަށާއި އެހެންކަމުން، މި ފެށުނު އާ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށް ޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.
މި އަހަރަކީ ތިޔާގިކަމުގެ އަހަރު ކަމަށާއި މިއީ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އަހަރު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އެންމެން ގުޅިގެން ޤައުމީ ތަރައްޤީގައި އެއް އަމާޒަކަށް ދަތުރުކުރުމުގެ އަހަރެވެ. ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަޤުބަލަށް ޓަކައި ޒިންމާދާރުކަމާއެކީ ޤައުމު ބިނާކުރުމުގެ އަހަރެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެކެވެ. އެއީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި، ދިވެހި ޤައުމިއްޔަތު ދިފާޢުކޮށް ކަށަވަރުކުރުމާއި، ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމާއި، ބޭސްފަރުވާއާއި އާންމު އަސާސީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމާޒާއެކު، ރާއްޖޭގެ ތަފާތު އެކިއެކި ކަންކޮޅުތަކަށް ގެނެވޭ އުމްރާނީ ކުރިއެރުމުގެ އަމާޒު ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން މި އަހަރު ހިމެނިގެންދާނީ މި ކަންކަމުގެ ޢަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައި ކަމަށާއި އެ ގޮތުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް މިއަހަރު ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.