ތިން އަތޮޅެއްގެ ސީ އެމްބިއުލާންސަށް ޑްރައިވަރުން ހޯދަން ޑިފެންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ ތިން އަތޮޅަކީ ތ، ބ އަދި ދ. އަތޮޅެވެ.
މިނިސްޓްރީން ބުނީ ތ. ވޭމަންޑު އާއި ބ. އޭދަފުށީގެ އިތުރުން ދ. ކުޑަހުވަދޫގައި އޮންނަ ސީ އެމްބިއުލާންސްގެ ޑްރައިވަރުންގެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 9 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާ އެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން A,B,C ލައިސަންސް ލިބިފައިވުމާއި
ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާ އެކު، އެފަދަ އުޅަނދުފަހަރު ދުއްވުމުގެ ދެ އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަ ވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހަކަށްވުމެވެ.
ސީ އެމްބިއުލާންސްގެ ޑްރައިވަރުންގެ އަސާސީ މުސާރަ އަކީ މަހަކީ މަހަކު 5020ރ. އެވެ. މީގެ އިތުރުން ސާވިސް އެލަވަންސަށް މަހަކު 2000ރ. އާއި ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1757ރ. އާއި ޔުނީފޯމް އެލަވަންސްއަށް މަހަކު 100ރ. ލިބޭނެ އެވެ. އަދި ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް 20ރ. އާއި ،ޝިފްޓް ޑިއުޓީ އެލަވަންސާއި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެ އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރު 3313724 އިން ހޯދޭނެ އެވެ.