Last Updated: May 11, 21:55
Sunday, May 11, 2025
ދުނިޔެ

ޒިމްބާބްވޭގައި މަރުގެ ހުކުމް އުވާލައިފި

ޒިމްބާބުވޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާ ގޮތަށް ނިންމައިފި އެވެ.

އެގޮތަށް އެ ގައުމުން ނިންމީ މަރުގެ ހުކުމް ތަންފީޒު ކުރަން އުވައިލުމަށް މިދިޔަ މަހު ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމާ ގުޅިގެން ޒިމްބާބުވޭގެ ރައީސް އެމަސަން އެމްނެންގަގްވާ މިހާރު ބިލު ތަސްދީގު ވެސް ކުރެއްވުމުންނެވެ.

އެގޮތުން "ޑެތު ޕެނަލްޓީ އެބޮލިޝިން އެކްޓް" އިއްޔެ ވަނީ ސަރުކާރުގެ ގެޒެޓްގައި ވެސް ޝާއިއުކޮށްފަ އެވެ.

އެފްރިކާ ބައްރަށް ނިސްބަތްވާ، ޒިމްބާބުވޭގެ އެ ނިންމުމަށް އެމްނެސްޓީ އިންޓަނޭޝަނަލް މަރުހަބާ ކިޔާފައިވެ އެވެ.

އެ ގައުމުގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒުކޮށްފައި ވަނީ 2005 ގަ އެވެ. ނަމަވެސް ކޯޓްތަކުން މިހާތަނަށް އެކި މައްސަލަތަކުގައި މަރުގެ ހުކުމް އިއްވާފައިވެ އެވެ. އެގޮތުން 2023 ނިމުނު އިރު މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ އަދަދު 60 އަށް އަރަ އެވެ.

ޒިމްބާބުވޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ފެށީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އެ ގައުމު އޮތް ދުވަސްވަރުން ފެށިގެންނެވެ. މަރުގެ ހުކުމް އިއްވާ މީހުންނަށް އެ ގައުމުގައި އެ ހުކުމް ތަންފީޒު ކުރަމުން އައިސްފައި ވަނީ ދަންޖައްސައިގެންނެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުން ގާނޫނަކުން އުވައިލުމާ ގުޅިގެން ޒިމްބާބުވޭގެ ޖަސްޓިސް މިނިސްޓަރު ޒިޔަމްބީ ޒިޔަމްބީ އެކަން ސިފަކުރެއްވީ "އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމެއް" ގެ ގޮތުގަ އެވެ.

"މިއީ ޝަރުއީ ނިޒާމުގެ އިސްލާހީ ބަދަލަކަށް ވުރެ ބޮޑަށް އިންސާނިއްޔަތުކަމާއި އިންސާފުގެ މަގަށް ނިންމުނު ނިންމުމެއް." އޭނަ ވިދާޅުވި އެވެ.

މަރުގެ ހުކުމް އެންމެ ގިނައިން ތަންފީޒުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭނީ ސައުދީ އަރަބިއްޔާ އާއި އިރާނާއި ޗައިނާ އާއި ސޯމާލިއާގެ އިތުރުން އެމެރިކާ އެވެ.