އާ އަހަރެއް ފެށުނު އިރު، ދިވެހި ސިނަމާ އަށް އަންނަން އޮތީ ސީދާ ކޮން ފިލްމުތަކަމެއް ކަމެއް އަދި ނޭނގެ އެވެ. އެއްވެސް ސްޓޫޑިއޯއަކުން އަދި ފިލްމެއް އޮލިމްޕަހަށް ގެންނާނެ ތާރީހެއް ވެސް އިއުލާނެއް ނުކުރެ އެވެ.
އެހެންވެ މި އަހަރު ބެލުންތެރިންނާ ހަމަައަށް އަންނަން އޮތީ ކިތައް ފިލްމުކަމާއި ކޮންކޮން ފިލްމުތަކެއް ކަމެއް ނޭނގެ އެވެ. އެ ސަބަބާ ހުރެ 2025 ގެ ފިލްމީ ކަލަންޑަރު އަދި އޮތީ ހުހަށެވެ. ގިނަ ސްޓޫޑިއޯތަކުން އާންމުކޮށް ފިލްމުތައް އިއުލާން ކުރަނީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ފިލްމުތަކަށް ދޫކުރާ ތާރީހުތައް ކަށަވަރުވުންނެވެ.
ދުރާލައި ވަރަށް ގިނަ ސްޓޫޑިއޯތަކުން މި ފަހުން ތާރީހުތައް ނަގަ އެވެ. މިދިޔަ އަހަރަކީ އެއްގޮތަށް ފުލުފުލުގައި ފިލްްމުތަކެއް އައި، އޮލިމްޕަހަށް ވަރަށް ތިޔާގި އަހަރެކެވެ. މިދިޔަ އަހަރު ޖުމްލަ 12 ފިލްމެއް އޮލިޕްމުގައި އެޅުވި އެވެ. މިދިޔަ އަހަރުގެ ފިލްމީ ކަލަންޑަރު ފެށީ އާ ޑައިރެކްޓަރު އަޒްހާން އިބްރާހީމް ޖެނުއަރީ މަހު ގެނެސްދިން ލޯބީގެ ފިލްމު "މީ އިޝްގް" އިންނެވެ.
އަދި އޮލިމްޕަހަށް މިދިޔަ އަހަރު އެންމެ ފަހުން ގެނައީ ވެސް އާ ޑައިރެކްޓަރެއްގެ ފިލްމެކެވެ. އެއީ ނޮވެމްބަރު މަހުގެ ތެރޭގައި އެޅުވި އ. އައްޒާމްގެ ކްރައިމް ތުރިލާ "ދޭދަރު ރުއިން" އެވެ.
މިދިޔަ އަހަރު ބެލުންތެރިންނާ ހަމައަށް އައި އިތުރު ފިލްމުތަކަކީ އައި ފިލްމްސްގެ "ކަންބަޅި" އާއި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ފުރޭތަ" އާއި އަހުމަދު އާސިމްގެ ކުރު ފިލްމު "ހަދީޖާ" އާއި މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ "ލަސްވިޔަސް" އާއި ޝައި ޕްރޮޑަކްޝަންގެ "ސާޔާ" އާއި ސެޓާން ސްޓޫޑިއޯގެ "ކަމަނާ" އާއި އޯކޭޒް އިންކްގެ "ރޮބޯމޭން: ދަ މޫވީ" އާއި އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ "އުދަބާނި 2" އާއި ޑާކް ރެއިންގެ "ބިބީ" އާއި ކޮކޯ ސްޓޫޑިއޯ "ގެއްލުނު ރޭ" އެވެ.
މި އަހަރު ރިލީޒްކުރާނެ ފިލްމުތައް ކަށަވަރު ނުވިޔަސް، ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ޔަގީންވާ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ޑާކް ރެއިންގެ "ޕްރޮޖެކްޓް 37" އާއި ފާތުމަތު ނަހުލާގެ "ސޮރީ" އާއި އައި ފިލްމްސްގެ "ލޯބިން" އާއި ޑާކް ރެއިންގެ "ބަޅިނދު" ހިމެނެ އެވެ.
އެހެންވެ ދިވެހި ފިލްމުތަކަށް ލޯބިކުރާ ވަރަށް ގިނަ ބަޔަކު މިހާރު ތިބީ މި އަހަރު އަންނަން ހުރި ފިލްްމުތަކަކީ ކޮބައިތޯ ބަލާލަން ކެތްމަދުވެފަ އެވެ.