ކުރިން ވެސް ބޮޑެތީ ޖޫރިމަނާތަކަކާ ކުރިމަތިލާން ޖެހުނު ޓިކްޓޮކް 10 މިލިއަން ޑޮލަރުން ވެނެޒުއެލާ އިން ޖޫރިމަނާކޮށްފި އެވެ.
ޗައިނާގެ ބައިޓްޑާންސުން ހިންގާ އެ އެޕް ވެނެޒުއެލާ އިން ޖޫރިމަނާކުރީ އޭގައި ގެނެސްދީފައިވާ ޗެލެންޖެއްގައި މަރުވާން ހިތްވަރު ދީފައިވާތީ، އެކަމުން ހިތްވަރު ހޯދައިގެން ތިން ކުއްޖަކު މަރުވެ އިތުރު ގިނަ ބަޔަކަށް އެ ޗެލެންޖުން ނޭދެވޭ އަސަރުތަކެއްކޮށްފައިވާ ބުނެ އެވެ.
ނަމަވެސް ހުކުމްގައި އެއީ ސީދާ ކޮން ޗެލެންޖެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ޓިކްޓޮކްގައި ގެނެސްދޭ ޗެލެންޖްތަކުގައި ކަމާ ގުޅޭ ގޮތުން އެކަށީގެންވާ އިރުޝާދުތައް ދީފައި ނެތުމާއި އޭގެ ސަބަބުން އެތައް ބައެެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ބިރު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.
ޓިކްޓޮކްގެ މި މައްސަލަ ބެއްލެވި ފަނޑިޔާރު ޓާނިއާ ޑި އެމެލިއޯ މިދިޔަ ހޯމަ ދުވަހު އިއްވެވި ހުކުމްގައި ބުނީ ޓިކްޓޮކް 10 މިލިއަން ޑޮލަރުން ޖޫރިމަނާކުރާ ކަމަށާއި އެ ފައިސާ 8 ދުވަހުގެ ތެރޭގައި ނެޝަނަލް ކޮމިނިއުނޭޝަން ކޮމިޝަން އަށް ދައްކަން ޖެހޭނެ ކަމަށެވެ.
ނަމަވެސް އެ މުހުލަތުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފި ނަމަ ޓިކްޓޮކާ މެދު ދެން އަމަލު ކުރާނެ ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ.
ހުކުމްގައިވާ އެ ގޮތުން ޖޫރިމަނާ ފައިސާ ބޭނުން ކުރަނީ މަރުވި ތިން ކުދިންގެ އާއިލާ އަށް އެހީވާން ފަންޑެއް ހުޅުވުމަށެެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ޓިކްޓޮކްގެ އޮފީހެއް ވެސް، ވެނުޒުއެލާގައި ގާއިމުކުރުމަށް އަމުރުކޮށްފަ އެވެ.
ވެނެޒުއެލާ އިން ކުރި ޖޫރިމަނާއާ ގުޅިގެން ޓިކްޓޮކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.