Last Updated: July 10, 10:30
Thursday, July 10, 2025
ދުނިޔެ

އަހަރުގެ ފުރަތަމަ ދުވަހު ވެސް ގާޒާއިން 17 މަރު

މި އަހަރުގެ ފުރަތަމަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ ގާޒާ އިން ދިން ހަމަލާތަކުގައި 17 މީހަކު ޝަހީދުވެއްޖެ އެވެ.

އިޒްރޭލުން ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ގާޒާގެ ބުރެއިޖް ރެފިއުޖީ ކޭމްޕަށާއި ގާޒާގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށެވެ. މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

މި ހަމަލާތަކާއި ގުޅޭގޮތުން އިޒްރޭލުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި ގާޒާ އިން މިހާތަނަށް ވަނީ 45،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގާޒާގެ 90 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

އިޒްރޭލުން ހުއްޓުމެއް ނެތި ގާޒާ އަށް ހަމަލާތައް ދެމުން އަންނައިރު، ހަމާސް އިން ވެސް އަންނަނީ ރައްދުގައި އިޒްރޭލަށް ހަމަލާތައް ދެމުންނެވެ.