މި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހިދު ކަޕޫރްގެ އެކްޝަން ތުރިލާ "ދޭވާ" ގެ ފަސްޓްލުކް ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ ބަތަލާ ވިދިއާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރް ޕްރޮޑިއުސްކޮށް، ރޯޝަން އެންޑްރޫސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ރޯޝަން އަކީ ކާމިޔާބު މަލަޔާޅަމް ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެވެ.
އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2022 ގެ ކޮމެޑީ ޑްރާމާ "ސަޓަޑޭ ނައިޓް" އެވެ. "ދޭވާ އަކީ ރޯޝަންގެ ފުރަތަމަ ބޮލީވުށް ފިލްމެވެ.
މި މަހުގެ 31 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމުގައި ޝާހިދާ އެކު ބަތަލާގެ ރޯލުން ފެންނާނީ ޕޫޖާ ހެގްޅޭ އެވެ. "ދޭވާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ކުބްރާ ސައިތު، ޕަވައިލް ގްލާޓީ އަދި ޕްރަވޭޝް ރާނާ ހިމެނެ އެވެ.
ޝާހިދުގެ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ތޭރީ ބާތޯ މާ އޭސާ އުލްޖާ ޖިއާ" އެވެ. އޭނަ މިހާރު އަންނަނީ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.