Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

ވާދަވެރިން ފާޑުކިޔަނީ ކުރާނެ ކަމެއް ނެތުމުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ - ފޮޓޯ: މަޖިލިސް

ވާދަވެރިން މި ސަރުކާރަށް ފާޑުކިޔަނީ ކުރާނެ ކަމެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން، އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅުދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަސް އަހަރު ހިންގަވާނީ ދެފުށް ފެންނަ ސަރުކާރެއް ކަމަށާއި ވާދަވެރިން ފާޑުކިޔަސް އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

"ކުރާނެ ކަމެއް ނެތީއްޔާ ދެން ކޮންމެވެސް ކަމެއް ބަޔަކު ކުރާނެތާ. އެކުރާއިރު ގިނައިން ކުރެވޭނީ ބޭކާރު ކަންތައް، ވިޔާނުދާ ކަންތައް،" އަބްދުލްރަހީމް ވިދާޅުވި އެވެ.

އަދި ހަގީގަތެއްގެ މައްޗަށް ބިނާކުރުމެއް ނެތި ތިމާ ބޭނުންވާ ކަމެއް ހާސިލުކުރަން ވާހަކަދައްކާނަމަ ގިނަ ފަހަރަށް ގޮވޭނީ ކޮސް ކަމަށާއި އެ މަންޒަރު މިހާރު ގެތަކުގެ ސިޓިންރޫމްތަކުން ފެންނަމުންދާ ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މި ފަސް އަހަރު ނިންމަވާލައްވާފައި އިތުރަށް ކުރިއަށް ވަޑައިގަންނަވާނީ ދިވެހިން އެދޭ، ދިވެހިންގެރާއްޖެ ބިނާކޮށްދެއްވާފައިވާ ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ. ފަސް އަހަރުތެރޭ ހުރިހާ ކަމެއް މުޅިން ރަނުން ރަނަށް ނުކުރެވި ހިނގައިދާނެކަން ރައްޔިތުން ވެސް ގަބޫލުކުރާނެ ކަމަށާއި ނަމަވެސް ކަންތައްތަކުގެ ބޮޑުބައި އެމަނިކުފާނު ހާސިލުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން މި ފަސް އަހަރު ވެގެންދާނީ ދިވެހިން ދެކެން ބޭނުންވާ ކަހަލަ އުފާފާގަތި، ތަރައްގީ އާއި ކުރިއެރުން ލިބިގެންދާނެ ފަސް އަހަރަށް ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.