Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

ދެ މިލިއަން ޓޫރިސްޓުން އައީ ކުރީ ސަރުކާރުގެ މަސައްކަތުން

މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ ކުރީ ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަމުން އަމީރު ވިދާޅުވީ އެމްޑީޕީން ވެރިކަމާ ހަވާލުވުމުގެ ކުރިން ޓޫރިޒަމް ޕްރޮމޯޓްކުރަން ދައުލަތުން ހަރަދުކުރަމުން ދިޔައީ 40-30 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެމްޑީޕީން ވެރިކަމާ ހަވާލުވެ ފުރަތަމަ އަހަރުން ފެށިގެން ޓޫރިޒަމް ޕްރޮމޯޓްކުރަން ބަޖެޓުކޮށްގެން ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ ހަރަދުކުރަމުން ގޮސްފައިވާ ކަމަށެވެ.

އަދި 2020 ވަނަ އަހަރު ކޮވިޑްގެ ސަބަބުން ޓޫރިޒަމަށް މަޑުޖެހުމެއް އައި ނަމަވެސް، ޖެހިގެން އައި އަހަރުތަކުގައި ވަރަށް ބާރު މިނެއްގައި ޓޫރިޒަމްގެ ދާއިރާ ކުރިއަރައި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވެގެންދިޔަ ކަމަށް އަމީރު ވިދާޅުވި އެވެ. މިދިޔަ އަހަރު ޓޫރިޒަމުން ލިބުނު ކުރިއެރުންތަކަކީ ކުރީ ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ކުރި ކަންތައްތަކުގެ ސަބަބުން އިންޑިއާ މާކެޓެއް ލޮޅުމެއް އައިސް، ރާއްޖޭގެ އިގްތިސާދަށް 200 މިލިއަނެއްހާ ޑޮލަރު ގެއްލިގެންދިޔަ ކަމަށް އަންޒާދާ ކުރެވޭ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

މި ސަރުކާރުން ޓޫރިސްޓުން ރާއްޖެ ގެންނަން އަލަށް އިތުރަށް ކުރި ކަމެއް ނެތް ކަމަށްވެސް އަމީރު ވިދާޅުވި އެވެ. އޭގެ ބަދަލުގައި މި ސަރުކާރުގައި ތިބި ބައެއް ފަރާތްތަކުން ކުރިހާ ވެސް ކަމަކީ އިތުރަށް "ނެގެޓިވް ޕަބްލިސިޓީ" އަންނާނެ ފަދަ ކަންތައްތައް ކުރުން ކަމަށް އަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން މިއަދު ދެ މިލިއަން ފަތުރުވެރިން ވެސް މި އަންނަނީ. އޭގެ ކްރެޑިޓް އެއްވެސް ވަރަކަށް ނެގޭނެ ކަމަކަށް ނުދެކެން މި ސަރުކާރަށް،" އަމީރު ވިދާޅުވި އެވެ.