މިދިޔަ އަހަރަކީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު އެކްސިޑެންޓްތައް ގިނަ އަހަރެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންނަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 2،867 އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކުރި އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 567 އެކްސިޑެންޓްގެ އިތުރުވުމެވެ. ދެހާސް ތޭވިހުގައި ރިޕޯޓްކޮށްފައި ވަނީ 2،300 އެކްސިޑެންޓެވެ.
މިދިޔަ އަހަރު އެކްސިޑެންޓުތައް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓްކޮށްފައިވާ މާޗު މަހު އެވެ. އެއީ ޖުމްލަ 301 އެކްސިޑެންޓެވެ. މިދިޔަ އަހަރު ހިނގި ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ވައްކަމުގެ 3،751 މައްސަލަ ރިޕޯޓްކޮށްފައިވާ އިރު، 2023 ގައި ރިޕޯޓުކޮށްފައި ވަނީ 3،817 މައްސަލަ އެވެ. މަސްތުވާތަކެއްޗާ ގުޅުންހުރި 1،662 މައްސަލަ މިދިޔަ އަހަރު ރިޕޯޓުކޮށްފައިވާއިރު 2023 ގައި ރިޕޯޓްކޮށްފައި ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި 1،752 މައްސަލަ އެވެ.
ޚިޔާނާތުގެ 654 މައްސަލަ އާއި މުދަލަށް ގެއްލުން ދިނުމުގެ 665 މައްސަލަ އާއި މާރާމާރީގެ 711 މައްސަލަ އާއި ފޭރުމުގެ 504 މައްސަލަ އާއި ގެވެށި އަނިޔާގެ 248 މައްސަލަ ވެސް މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި އެވެ.