Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

މިއީ މަޖިލީހުގެ އެންމެ ކާމިޔާބު އަހަރަށް ވާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ - ފޮޓޯ: މަޖިލިސް

މި އަހަރު ވެގެންދާނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ކާމިޔާބު އަހަރަށް ކަމަށް، މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން އަބްދުލްރަހީމް ވިދާޅުވީ މަޖިލީހަށް މިހާރުވެސް މުހިއްމު ބިލުތަކެއް ހުށަހެޅިފައިވާ ކަމަށާއި އޭގެތެރޭގައި މަސްތުވާތަކެތީގެ ގާނޫނަށް ގެނެވޭ އިސްލާހުތަކާއި، ގޭންގު ކުށްތަކުގެ ގާނޫނަށް ގެނެވޭ އިސްލާހު ހިމެނޭއިރު، އަމާޒަކީ ވީހާވެސް އަވަހަކަށް އިޖުރާއަތްތައް ފުރިހަމަކޮށްގެން އެ ބިލުތަސް ފާސްކުރުން ކަމަށެވެ.

އަދި މަޖިލީހުގެ ކޮމިޓީތަކުގައި ވެސް ބައިވަރު މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެގޮތުން 20 ވަނަ މަޖިލީހާއި ހަމައަށް އައިއިރު، އޮޑިޓް ރިޕޯޓުގެ ގޮތުގައި ވެސް 2،500 އަށް ވުރެ ގިނަ ރިޕޯޓު މާލިއްޔަތު ކޮމިޓީގައި ނުނިމި އެބައޮތް ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ހުރިހާ ރިޕޯޓެއް ދިރާސާކޮށް ނިންމުމަކީ އަމާޒެއް ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަސްތުކުރަނީ 2025 ވަނަ އަހަރު އެއީ މިހާތަނަށް ރައްޔިތުންގެ މަޖިލީހަކުން ނިންމާލާ އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި ހެދުން،" އަބްދުލްރަހީމް ވިދާޅުވި އެވެ.

މަޖިލީހުން މަސައްކަތްތައް ކުރިއަށްގެންދާނީ އެ މަގަށް އަމާޒު ހިފައިގެން ކަމަށާއި މިއަހަރުތެރޭ އުފެއްދުންތެރި މަސައްކަތްތައް ކުރަން މަޖިލީހުން ރާވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މަޖިލީހުގެ މިދިޔަ އަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 73 ޕަސެންޓު މަސައްކަތް ވަނީ ނިންމާފަ އެވެ. މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފަށާނީ އަންނަ މަހު އެވެ.