Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

ރަސްމީ ދަތުރެއްގައި ހަލީލު އިންޑިއާ އަށް

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިރޭ އިންޑިއާ އަށް ވަޑައިގެންފި އެވެ.

މިއީ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ހަލީލު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރާއި ގުޅޭ އިތުރު މައުލޫމާތެއް ފޮރިން މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުން ދެ ދުވަހުގެ މުއްދަތަށް ހަލީލު އިންޑިއާ އަށް ކުރައްވާ ދަތުރުގައި، އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވި އެވެ. އެއީ އިންޑިއާ އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ލޯނެއްގެ ތެރެއިން 100 މިލިއަން ދެއްކުން އެއް އަހަރަށް ދާދިފަހުން އިންޑިއާ އިން ވަނީ ފަސްކޮށްދީފަ އެވެ.