އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން، ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް "ވަގަށް' ވައްދާފައިވާ ކަމަށް ބުނާ މައްސަލަ އިލެކްޝަން ކޮމިޝަން (އީސީ) އިން ބަލަން ފަށައިފި އެވެ.
އެމްޑީޕީ އާއި ޕީއެންއެފުން ވަނީ އެ ޕާޓީގެ މެންބަރުންތަކެއްގެ ސޮޔާއި އިނގިލީގެ ނިޝާން ފޯޖްކޮށްގެން ޕީއެންސީ އަށް ވައްދާފައިވާ ކަމަށް ތުހުމަތުކޮށް، އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފަ އެވެެ.
މިކަމާ ގުޅިގެން އީސީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ޕީއެންސީ އަށް މެންބަރުން އިތުރު ކުރަން ގިނަ އަދަދެއްގެ ފޯމްތަކެއް އީސީ އަށް ހުށަހަޅާފައިވެ އެވެ. އެ ޕާޓީން ވަނީ މެންބަރުންގެ އަދަދު 100،000 އަށް އިތުރު ކުރަން އަމާޒު ހިފައިފަ އެވެ. އަދި ޕީއެންސީ ވާނީ އެ އަދަދަށް މެންބަރުން ހަމަކުރާ ފުރަތަމަ ޕާޓީ އަށް ކަމަށް ވެސް ޕާޓީގެ އިސްވެރިން ވިދާޅުވެފައިވެ އެވެ.
ޕީއެންސީގެ އޮފިޝަލަކުވިދާޅުވީ މީހުންނަށް ނޭނގި އެ މީހުންގެ ނަމުގައި ޕީއެންސީގެ މެމްބާޝިޕް ފޯމް ފުރާފައިވާކަމުގެ ގިނަ އަދަދެއްގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ އެފަދަ ޝަކުވާއެއް އޮތް ނަމަ ޕާޓީގެ އޮފީހަށް ހާޒިރުވުމުން އެ މައްސަލަ ހައްލުކޮށް ދޭނެ ކަމަށް ވިދާޅުވި އެވެ.
"ވަގަށް" ޕީއެންސީ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލަ އީސީގެ ސަމާލު ކަމަށް އައިސް އެކަން ބަލަން ފެށި އިރު، މީގެ ކުރިން އެހެން ޕާޓީތަކަށް ވެސް މިފަދަ ތުހުމަތުތަކެއް ކުރެވިފައިވެ އެވެ.