Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

ރާއްޖެ އާއި އިންޑިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވައިފި އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ވާހަކަތަކުގައި ޖައިޝަންކަރު ވަނީ ފާއިތުވި ދުވަސްތަކުގައި އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދީފައިވާ އެހީތައް ފާހަގަކުރައްވައި، އިންޑިއާ އަބަދުވެސް ރާއްޖެއާއެކު ދެމި އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއަކީ އިންޑިއާއިން ގެންގުޅޭ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ރަނގަޅު މިސާލެއް ކަމަށްވެސް ޖައިޝަންކަރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ހަލީލު ދެއްކެވި ވާހަކަފުޅުގައި ވަނީ އިންޑިއާ އިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. އިންޑިއާ އަކީ އަބަދުވެސް ރާއްޖެއާއެކު ދެމި އޮތް ގައުމެއް ކަމަށާއި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރަން އިންޑިއާ ސަރުކާރާއެކު ގާތުން މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައްޔާރަށް ހުންނެވި ކަމަށްވެސް ހަލީލު ވިދާޅުވި އެވެ.

މިއީ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ހަލީލު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވި އެވެ. އެއީ އިންޑިއާ އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ލޯނެއްގެ ތެރެއިން 100 މިލިއަން ދެއްކުން އެއް އަހަރަށް ދާދިފަހުން އިންޑިއާ އިން ވަނީ ފަސްކޮށްދީފަ އެވެ.

މީގެއިތުރުން މިދިޔަ އޮކްޓޫބަރު މަހު ތެރޭ ރައީސް މުއިއްޒު ވަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.