އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކާ ގުޅިގެން އަދަބު ކަނޑައެޅުން މި މަހުގެ 10 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.
އެމެރިކާގެ ރައީސްކަން ކުރިން ވެސް ކުރައްވާފައިވާ ޓްރަމްޕް ،78، މައްޗަށް ސާބިތުވީ ވިޔަފާރީގެ ލިޔެކިޔުންތައް އޮޅުވާލައިގެން ހުށަހެޅުމާ ގުޅިގެން އުފުލި 34 ދައުވާއެކެވެ. މި ދައުވާތަކުގެ ތެރޭގައި ބަރަހަނާ ފިލްމު ކުޅުމަށް މަޝްހޫރު ސްޓޯމީ ޑެނިއެލްސްއާ އެކު ބޭއްވި ގުޅުން ސިއްރުކުރަން ފައިސާ ދިން ކަމުގެ މައްސަލައެއް ވެސް ހިމެނެ އެވެ.
އެމެރިކާގެ މެންހެޓަންގެ ފަނޑިޔާރު ޖުއާން މާޗަން އިއްޔެ ނެރުއްވި އަމުރުގައި ވަނީ އަދަބު ކަނޑައެޅުމަށް މި މަހު 10 ގައި ބާއްވާ އަޑުއެހުމަށް ހާޒިރުވާން ޓްރަމްޕަށް އަންގަވާފަ އެވެ. ނަމަވެސް އަދަބެއްގެ ގޮތުގައި ޖަލު ހުކުމެއް ޓްރަމްޕަށް ނާންނާނެ ކަމުގެ އިޝާރާތެއް ފަނޑިޔާރު ވަނީ ދެއްވާފަ އެވެ.
ޓްރަމްޕްގެ ފަރާތުން މި ދައުވާތައް ބާތިލުކުރަން ކޯޓުގައި މަސައްކަތް ކުރި ނަމަވެސް ފަނޑިޔާރު ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ. ޓްރަމްޕަކީ އެމެރިކާގައި ޖިނާއީ މައްސަލައެއްގެ ކުށް ސާބިތުވި ފުރަތަމަ ކުރީގެ ރައީސެވެ.
ޓްރަމްޕަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މި މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަގާމުގެ ހުވާ ޓްރަމްޕް ކުރައްވާނެ އެވެ.