Last Updated: July 16, 13:04
Thursday, July 16, 2026
މުނިފޫހިފިލުވުން

ވަރޫންގެ "ބީޅިޔާ 2" އަންނަ އަހަރު

ވަރޫން ދަވަން ހައިވާނަކަށް ބަދަލުވާ ކެރެކްޓާއެއް ކުޅުނު ކޮމެޑީ-ހޮރޯ "ބީޅިޔާ" ގެ ދެވަނަ ބައި އަންނަ އަހަރު ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.

އެ ފިލްމު އުފައްދި ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ވަނީ މި އަހަރުން ފެށިގެން 2028 އާ ހަމައަށް ގެނެސްދޭން ހުރި އެ ސްޓޫޑިއޯގެ ކޮމެޑީިހޮރޯ/ހޮރޯ-ކޮމެޑީ ޔުނިވާސްގެ 8 ފިލްމެއް ގެނެސްދޭނެ ތާރީހު އިއުލާންކޮށްފަ އެވެ. އެ ތާވަލުގައިވާ ގޮތުން "ބީޅިޔާ 2" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އޮގަސްޓް 14 ގަ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު މީގެ ފުރަތަމަ ބައި ގެނެސްދިނީ 2022 ގަ އެވެ. "ބީޅިޔާ" ގެ ޑައިރެކްޓަރަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު ކަމަށްވާ "އިސްތިރީ 2" ގެ ޑައިރެކްޓަރު އަމަރު ކޯޝިކެވެ. ވަރޫންއާ އެކު "ބީޅިޔާ" ގައި ބަތަލާގެ ރޯލު ކުޅުނީ ކްރިތީ ސެނަން އެވެ.

ވިކީ ކޯޝަލް ހިމަނައިގެން އަމަރު ޑައިރެކްޓްކުރާ ގޮތަށް މިދިޔަ ނޮވެމްބަރު ވެސް މެޑޮކް އިން ފިލްމެއް އިއުލާންކޮށްފައިވެ އެވެ. އެއީ އިންޑިއާގެ ކުރީގެ ހަނގުރާމަވެރިއެއް ކަމަށްވާ ޗިރަންޖީވީ ޕަރުޝްރާމާ އަށް ބިނާކޮށް ހަދަން ނިންމާފައިވާ "މަހާވަތުރް" އެވެ.
އެ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މެޑޮކް އިން ތާރިހު އިއުލާންތައް ކުރި އިތުރު ފިލްމުތަކަށް ބަލާ އިރު މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަޔޫޝްމަން ކްރާނާ އާއި ރަޝްމިކާ މަންދަނާގެ "ތާމާ" އަދި ކާސްޓާއި ޑައިރެކްޓަރު އިއުލާން ނުކުރާ "ޝަކްތީ ޝާލިނީ" ޑިސެމްބަރު 31 ގައި ގެނެސްދޭނެ އެވެ.

މެޑޮކްގެ ހޮރޯ-ކޮމެޑީ/ކޮމެޑީ ހޮރޯ ފިލްމުތައް:

* ޗަމުންދާ: ޑިސެމްބަރު 4، 2026
* އިސްތިރީ 3: އޮގަސްޓް 13، 2027
* މަހާ މުންޖިއާ: ޑިސެމްބަރު 24، 2027
* ޕެހެލާ މަހާޔުދު: އޮގަސްޓް 11، 2028
* ދޫސްރާ މަހާޔުދު: އޮކްޓޯބަރު 18، 2028

މެޑޮކް އިން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުުގެ "ސްކައި ފޯސް" އާއި ވިކީގެ "ޗާވާ" އާއި ޖޯން އަބްރަހަމްގެ "ތެހެރާން" ގެ އިތުރުން ސިދާތު މަލްއުތުރާ އާއި ޖާންވީ ކަޕޫރްގެ "ޕަރަމް ސުންދަރީ" ހިމެނެ އެވެ.