Last Updated: July 16, 13:04
Thursday, July 16, 2026
މުނިފޫހިފިލުވުން

ހެންސަލްގެ އެކްޝަން ފިލްމެއް، ބަތަލަކަށް ލަކްޝް

ބޮލީވުޑްގެ ހުނަރުވެރި ޑައިރެކްޓަރު ހެންސަލް މެހެތާ އެކްޝަން ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި ފިލްމުގެ ބަތަލުގެ ރޯލު ޒުވާން، އާ އެކްޓަރު ލަކްޝް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލަކްޝް އަކީ އިންޑިއާގެ އެންމެ އަނިޔާވެރި އެކްޝަން ފިލްމުގެ ގޮތުގައި ޕްރޮމޯޓްކޮށް މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން އެކްޝަން ތުރިލާ "ކިލް" އިން ތައާރަފުވި އެކްޓަރެވެ. އެ ފިލްމުގައި ލަކްޝް ދެއްކި ވަރުގަދަ އެކްޝަން ރޯލުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އިރު، އޭނަ ހިމަނައިގެން ދަރުމާ އިން އިތުރު އެކްޝަން ފިލްމެއް ހަދަން ވެސް ޕްލޭންކޮށްފައިވާ ކަމަށް މީޑިއާތަކުން މިދިޔަ މަހު ބުނެފައިވެ އެވެ.

ލަކްޝް މިހާރު އަންނަނީ ދަރުމާގެ ލޯބީގެ ފިލްމު "ޗާންދު މޭރާ ދިލް" ގެ މަސައްކަތް ކުރަމުންނެވެ. ވިވެކް ސޯނީ ޑައިރެކްޓްކޮށް، އަނަންޔާ ޕާންޑޭ ބަތަލާގެ ރޯލު ކުޅޭ އެ ފިލްމި މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޙާން ލިޔެ، ޑައިރެކްޓްކޮށް މި އަހަރު ނެޓްފްލިކްސް އަށް ގެނެސްދޭން ހަމަޖެހިފައިވާ ވެބް ސީރީޒް "ސްޓާޑަމް" ގެ ކާސްޓްގައި ވެސް ލަކްޝް ހިމެނެ އެވެ.

މިޑް-ޑޭ އިން ބުނީ ހެންސަލްގެ އާ ފިލްމަށް އުންމީދީ އެކްޓަރު ނަގައި، ފިލްމުގެ އިތުރު ކާސްޓުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެހެންވެ ވަރަށް އަވަހަށް އެ ފިލްމު އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

ހެންސަލްގެ އެންމެ ފަހުގެ ފިލްމަކީ ކަރީނާ ކަޕޫރާ އެކު 2023 ގައި ގެނެސްދިން ކްރައިމް ތުރިލާ "ދަ ބަކިމްހަމް މާޑާސް" އެވެ.