ސްޓާ ޕްލަސްގެ މަގުބޫލު ސިލްސިލާ "އަނޫޕަމާ" ގައި ޓައިޓްލް ރޯލު ކުޅެމުން އަންނަ ބަތަލާ ރުޕާލީ ގަންގޫލީ އެ ސިލްސިލާ ދޫކޮށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް މީޑިއާތަކުން ބުނީ ކުރިއަށް އޮތް ތިން މަހެއްހާ ދުވަސް ފަހުން އޭނަ އެއަށް އަލްވަދާއު ކިޔާނެ ކަމަށެވެ. ރުޕާލީ "އަނޫޕަމާ" ދޫކޮށްލަން އުޅޭ ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނަގެ ކެރެކްޓާގެ ވަށައިގެން އެނބުރޭ ހާދިސާތަކެއް ދައްކުވައިދޭ ސިލްސިލާގެ ފޯކަސް މިހާރު އޭގެ ކާސްޓްގައި ހިމެނޭ ޒުވާން ތިން ތަރިއެއްގެ ލޯބީގެ ކަންތައްގަނޑަކަށް ހާއްސަވުމެވެ.
އެހެންވެ އަނޫޕަމާގެ ކެރެކްޓާ އަށް ސަމާލުކަން ކުޑަވާތީ ރުޕާލީ ސިލްސިލާ އިން ވަކިވަނީ ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އޭނަ މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
"އަނޫޕަމާ" އަކީ 2020 އިން ފެށިގެން ދައްކަމުން އަންނަ ސިލްސިލާއެކެވެ. މީގައި ރުޕާލީ ކުޅެމުން އަންނަ ކެރެކްޓާގެ ސަބަބުން އޭނަގެ މަޝްހޫރުކަމާއި ބެލުންތެރިންގެ ސަޕޯޓާއި ލޯބި މީގެ ކުރިން ކުޅުނު އެއްވެސް އެެއްޗަކުން ނުލިބޭ ވަރަށް ލިބިފައިވެ އެވެ. އޭނަ ސިލްސިލާ އިން ވަކިވާން އުޅޭކަމުގެ ވާހަކަތަކެއް ދެކެމުން އަންނަ އިރު، މި ސިލްސިލާ ފެށި އިރު، މުހިއްމު ރޯލުތައް ކުޅުނު ގިނަ ބައިވެރިން އެކި ސަބަބުތަކާ ހެދި ވަކިވެގެން ގޮސްފައިފައިވެ އެވެ.
އޭގެ ތެރޭގައި އަނޫޕަމާގެ ފިރިމީހާ، ވަންރާޖް ޝާގެ ރޯލު ކުޅުނު ސުދާންޝޫ ޕާންޑޭ އާއި ކައިވެނީގެ ބޭރުން ވަންރާޖް ހިންގި ގުޅުން ފަޅާއަރައި ފަހުން ކައިވެނިކުރި ކާވިއާގެ ކެރެކްޓާ ކުޅުނު މަދަލްސާ ޝަރުމާގެ އިތުރުން އަނޫޕަމާގެ ފިރިހެން ދަރިންގެ ރޯލު ކުޅުނު ދެ އެކްޓަރުން ހިމެނެ އެވެެ.
އުުމުރުން 47 އަހަރުގެ ރުޕާލީ ކުރިން ކުޅުނު އެންމެ މަގުބޫލު ސިލްސިލާ އަކީ ސްޓާ ވަން 2004-2006 އަށް ގެނެސްދިން "ސަރަބާއީ ވާސަސް ސަރަބާއީ" އެވެ. އޭނަ ކުރިން ފިލްމުތަކެއް ވެސް ކުޅުނެވެ. އޭގެ ތެރޭގައި މިތުން ޗަކްރަބަތީގެ 1996 ގެ "އަންގާރަ" އާއި ގޯވިންދާގެ 1996 ގެ "ދޯ އާނކޭ ބާރާ ހާތު" ހިމެނެ އެވެ.