Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

ލޯފަން މީހުންގެ ހައްގުގައި ކުރާ މަސައްކަތަށް ރައީސްގެ ތައުރީފް

‎ލޮލަށް ފެނުމުގައި ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ކުރާ މަސައްކަތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުރީފު ކުރައްވައިފި އެވެ.

ދުނިޔޭގެ ބްރޭލް ދުވަސް ފާހަގަކުރުމުގެ ގޮތުން، މިއަދު އާންމުކުރެއްވި މެސެޖުގައި ރައީސް ވިދާޅުވީ ބްރޭލްގެ އީޖާދީ، އިންޤިލާބީ ބަދަލާއެކު ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތައް ބާރުވެރިކުރުމުގައި ބްރޭލް މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ. އަދި، ބްރޭލަކީ އެފަދަ ފަރާތްތަކަށް މުޖުތަމަޢުގައި ކުރިމަތިވާ ހިރާސްތައް ނައްތާލުމަށް ލިބުނު ބާރުގަދަ ވަސީލަތެއް ކަމަށާއި އޭގެ ސަަބަބުން، އެފަދަ ފަރާތްތަކަކީ ޤައުމީ ތަރައްޤީގައި ފުރިހަމަ ބައިވެރިންނަށް ވެގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

‎ރައީސްގެ މެސެޖުގައި ލޮލަށް ފެނުމުގައި ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.

‎ރައީސް ވިދާޅުވީ ލޮލަށް ފެނުމުގައި ދަތިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ޚިދުމަތްތަކާއި ވަޞީލަތްތައް ފަރުމާކޮށް، ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ކޮންމެ ޤައުމެއްގެވެސް އަސާސީ ޒިންމާއެއް ކަމަށާއި މިއަދުގެ ސަރުކާރަކީ މުޖުތަމަަޢުގެ މިފަދަ ޒަރޫރީ ބޭނުންތަކަށް ރިޢާޔަތްކޮށް، ސިޔާސަތުތައް ތަންފީޒުކުރަމުންދާނޭ ސަރުކާރެއް ކަމަށެވެ.

‎މީގެއިތުރުން ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމާއި، މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ދައުރު އިތުރުކުރުމާއި، ކަރާމާތްތެރިކަމާއެކު ދިރިއުޅުމަށް އެހީތެރިވެވޭ ގޮތަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.