އިންޑިއާގެ ގުޖްރާތުގައި ހުންނަ 14 ވަނަ ގަރުނުގެ ފައްޅިއެއް ކަމަށްވާ ސޯމްނާތުގެ ހިމާތަށްކޮށްފައިވާ މަސައްކަތްތަކަށް ބިނާކޮށް ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ތައްޔާރުވާން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ޕްރިންސް ދިމަން ކަމަށެވެ.
ނަން އަދި ސާފުނުވާ ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ސުނިލް ޝެޓީ އާއި ވިވެކް އޮބެރޯއީ އާއި ޒުވާން އެކްޓަރު ސޫރަޖް ޕަންޗޯލީގެ އިތުރުން ބަތަލާ އަކަންކްޝާ ޝަރުމާ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގައި ސޫރަޖް ކުޅޭނީ ވީރު ހަމީރްޖީ ގޯހިލް ކިޔާ ކުރީގެ ހަނގުމަވެރިއެއްގެ ރޯލެވެ.
ސޫރަޖަކީ އޭނަ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ ޖިއާ ޚާން 2013 ގައި ދަންޖެހިގެން މަރުވި ހާދިސާއާ ގުޅިގެން ތުހުމަތުތަކެއް ކުރެވި، ފިލްމީ ކެރިއަރަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ އެކްޓަރެކެވެ. އޭނަ އަކީ އެކްޓަރު އަދިތިޔާ ޕަންޗޯލީ އާއި ބަތަލާ ޒަރީނާ ވައްހާބްގެ ދަރިއެކެވެ.
ސޫރަޖް، 34، ބޮލީވުޑަށް ނުކުތީ ސަލްމާން ޚާން ޕްރޮޑިއުސްކުރި 2015 ގެ "ހީރޯ" އިންނެވެ. އެއީ ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާގެ ވެސް ފުރަތަމަ ފިލްމެވެ. "ހީރޯ" ގެ ފަހުން ސޫރަޖް ކުޅުނު ފިލްމުތަކުގެ ތެރޭގައި 2019 ގެ "ސެޓެލައިޓް ޝަންކަރް" އަދި 2021 ގެ "ޓައިމް ޓު ޑާންސް" ހިމެނެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ތަޖުރިބާކާރު އެކްޓަރުންތަކަކާ އެކީ ސޫރަޖް މަސައްކަތްކުރާ އާ ފިލްމުގެ ފަސްޓްލުކް ވަރަށް އަވަހަށް ދައްކައިލާނެ އެވެ.