Last Updated: January 20, 22:59
Monday, January 20, 2025
ރިޕޯޓް

ތިބާގެ ފިރިމީހާގެ ހިތް އަތުލާނީ މިފަދައިން!

الحمد لله وحده والصلاة والسلام على من لا نبي بعده

މިއީ މުސްލިމު އުޚްތުންނަށް ހުށަހަޅައިދޭ ނަސޭޙަތުގެ ބަސްކޮޅެކެވެ. ﷲތަޢާލާ ޙަލާލުކުރެއްވި ގޮތަށް އެކަނބަލުންނަށް އެކަބަލުންގެ ފިރިންގެ ހިތް އަތުލެވިދާނެ އެވެ. އެއީ ކިހިނެއްކަން އެނގިލައްވާތޯ އެވެ؟ ބުނެދެން ހެއްޔެވެ؟

ތިބާ ތިބޭގެ ފިރިމީހާ އަށް ރީތިވެގެންވާ ހާލު މެނުވީ ނުފެންނާށެވެ. އަދި ތިބާގެ ގައިން ދުވާ ވަހަކީ މީރު ވަސް ނޫން އެހެން ވަހެއްކަމުގައި ނަހަދާށެވެ. އަބަދު ވެސް ފިރިމީހާގެ ހިތުން ޖާގަ ހޯދާށެވެ. ހިނުތުންވެގެންވާ ހާލުގައި އަބަދު ވެސް އޭނައާ ބައްދަލުކުރާށެވެ.

ރިވެތި ބަހުން މެނުވީ އެނާއަށް ބަސްބުނެ ނޫޅޭށެވެ. އަދި އޭނާއާ އެކު ރިވެތި ގޮތުގައި ދިރިއުޅޭށެވެ. ފިރިމީހާގެ މުދަލަށް ރައްކާތެރިވާށެވެ. އޭނާގެ ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރާށެވެ. އެކުދިންނަށް އަޅާލާ ޚާއްޞަކަމެއް ދޭށެވެ. ﷲތަޢާލާއަށް އުރެދުމެއްނުވާ ކޮންމެކަމެއްގައި އޭނާއަށް ކިޔަމަންތެރިވާށެވެ. މިއީ ތިބާއަށް ތިބާގެ ފިރިމީހާގެ ހިތް މުޖައްރިބުކަމާއި އެކު މިލްކުކޮށްލަ ދޭނެ ކަމެކެވެ.

އެހެނެއް ކަމަކު ހިތާމަ އަކީ އަހަރެމެންގެ މުޖުތަމަޢުން މިދެންނެވި ކަންތައްތައް މުޅިން އެކޮޅުކޮޅުން ފެންނަކަމެވެ. އަހަރެމެންގެ މުތީތަކަށް ވުރެ އަގުބޮޑު އަންހެންކަނބަލުންގެ ޒީނަތްތެރިކަން ފާޅުކުރަނީ ހިލޭ ލޯތަކަށެވެ. އެކަނބަލުން ރީތި ހެދުންލައި މޭކަޕްކޮށް އާ ކައިވެނީގެ ފުރަތަމަ ރެއަށް ތައްޔާރުވާ ފަދައިން ތައްޔާރު ވަނީ ބޭރަށް ނުކުންނަންވީމަ އެވެ.

ދެން އެނބުރި ގެއަށް އައިސް އެޒީނަތްތެރިކަން ދޮވެލަ އެވެ. ފޮނިކަމާއި ތުއިކަމުގެ ފޭރާން ބާލައި ބާ ޓީޝާޓުގަނޑަކަށް ބަދަލުކޮށްލަ އެވެ. ކުރިން ހުރިހެން ޒީނަތްތެރިވުމަށް އިންތިޒާރު ކުރަނީ އަނެއްކާ ވެސް ބޭރަށް ދާންވީމައެވެ.

އެކަނބަލުންގެ ފިރިން މިސްކީނުހާލުގަ އެވެ. އެ ރީތި ހެދުންތަކާއި މޭކަޕް ކުރުމަށް ގެންގުޅޭ ސާމާނު ގަނެދީ އެތަކެތީގެ ފޮނި ލައްޒަތުން ފިރިމީހާ މަޙުރޫމުވެފަ އެވެ. ކޮން ފަދަ ފަޤީރުކަމެއް ހެއްޔެވެ! އޭނާއަށް އޭނާގެ އަންހެނުން ފެންނަނީ ބާހެދުމެއްގައެވެ. ގައިން ކާތަކެތި ދުވާ ވަސް ދުވާ ހާލުގަ އެވެ. ނޫން ނަމަ ދުވާނީ އެއްޗެހި ދޮންނަ ވަހެވެ. ގަނެ ދީފައިވާ އަގުބޮޑު ސެންޓުތަކުގެ ރާޙަތެއް ނުކުރާ ހާލުގަ އެވެ.

ބުއްދިވެރި ޒަމާނީ އަންހެން ކަނބަލުންނަށް އެކަނބަލުންގެ ޒީނަތްތެރިކަން އެންމެ ޙައްޤުކަން ބޮޑީ އެކަނބަލުންގެ ފިރިމީހާއަށްކަން އެނގޭނެއެވެ. އަދި ޒީނަތްތެރިކަން އޭގެ އެންމެ ތާޒާކަމާއެކު އެކަނބަލުންގެ ފިރިންނަށް ޚާއްޞަ ކުރާނެ އެވެ. އޭ ލޮބުވެތި އުޚްތުންނޭވެ! ތިމާގެ ހަށިގަނޑާއި މޫނުގެ ރީތިކަން ފެންނަ ބައެއް ކަމުގައި ހަމައެކަނި ތިބާގެ ފިރިމީހާ ހަދާށެވެ. ހިލޭ ފިރިހެނުންގެ ބެލުންތަކުން ތިބާގެ ޒީނަތްތެރިކަން ނިވާކުރާށެވެ.

ބައެއް ބޭފުޅުން ބުނެއެވެ. ކައްކާ ގޭތެރެ ސާފުކުރަމުން އަބަދު މީރުވަސް ދުވާހާލު ހުންނާނީ ކިހިނެއް ހެއްޔެވެ؟ ފަހެ ތިބާގެ ފިރިމީހާ ގެއިންބޭރަށް ދާވަގުތު ކައްކާށެވެ. ގޭތެރެ ފޮޅައި ރީތިކޮށް، އެއްޗެހި ދޮންނާށެވެ. ދެން ފެންވަރާ ރީތިވުމަށް އަވަސްވެގަންނާށެވެ. އަދި ތިބާގެ ފިރިމީހާއަށް އިންތިޒާރު ކުރާށެވެ. ތިބާގެ ފިރިމީހާ ގެއަށް އަންނަ ހިނދު ފެނިގެން ދާނީ އޭނާގެ ރީތި ނަލަ އަންހެނުންނެވެ. އަދި ކާތަކެތި ތައްޔާރުކުރެވި ގޭތެރެ ސާފުތާހިރު ކުރެވިގެންވާ ހާލު ފެންނާނެ އެވެ.

ތިބާއަށްޓަކައި ތިބާގެ ފިރިމީހާގެ ހިތުގައި މަތިވެރި ލޯތްބަކާއި މަތިވެރި އިޙްތިރާމެއް އުފެދޭނެއެވެ. އަދި މިކަން ﷲގެ ވަޖުހުވުޅަށްތަކައިކޮށްފި ނަމަ އަޖުރު ބޮޑުވެ އެވެ. މީގެ ސަބަބުން ތިބާއަށް ތިބާގެ ފިރިމީހާގެ ބެލުންތައް ތިރިކުރުމަށް އެހީވެދެވެ އެވެ. އެހެނީ ބަނޑު ފުރިފައިވާ މީހާ އިތުރު ކާއެއްޗަކަށް ބޭނުމެއް ނުވާނެ އެވެ. އެހެނެއް ކަމަކު އެކަމުން މަޙުރޫމުވެފައިވާ މީހާ ބަނޑުފުރާނެ އެހެން ގޮތްތައް ހޯދާނެ އެވެ.

މަސްދަރު: ދިސަލަފިއްޔާ