Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

ވެރިކަން ވައްޓާލުމާ ގުޅޭގޮތުން އިންޑިއާއަށް ކުރީ ދޮގު ތުހުމަތެއް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު - ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ޖާސޫސީ އިދާރާ، ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ރޭވި ކަމަށް ބުނެ އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓުން އާންމުކުރި ރިޕޯޓުގައިވާ ވާހަކަތައް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ދޮގުކުރައްވައިފި އެވެ.

އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެގައުމުގެ "ވިއޮން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ހަލީލު ވިދާޅުވީ ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައި ހުރީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެއީ ކޮންތަނަކުން ހޯދި ހެކިތަކެއްގެ މައްޗަށް ބިނާކޮށް ލިޔުނު ރިޕޯޓެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އެ ރިޕޯޓުގައި ކޮށްފައިވާ ތުހުމުތަކަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން،" ހަލީލު ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ހީނަރުކަން ގެންނަން ބޭނުންވާ ބަޔަކު ތިބެދާނެ ކަމަށާއި ނަމަވެސް ރާއްޖެ އޮތީ އިންޑިއާއާއެކު ވަރުގަދަ ގުޅުމެއް ގާއިމުކުރަން މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ހަލީލު ވިދާޅުވި އެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ތެދުވެރި ގުޅުމެއް ކަމަށާއި އެގޮތުން އިންޑިއާ އަށް ބަދުބަސް ބުނި ފަރާތްތަކެއް ސަރުކާރުން ސަސްޕެންޑްކޮށް، މަގާމުތަކުން ވަކިކޮށްފައިވާ ކަމަށްވެސް ހަލީލު ވިދާޅުވި އެވެ.

ހަލީލު ވަނީ މިފަދަ ނިންމުންތަކުން ދައްކުވައިދެނީ ރައީސް މުއިއްޒު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށް ދެއްވާ އަހަމިއްޔަތުކަން ކަމަށްވެސް ވިދާޅުވެފަ އެވެ.

ވޮޝިންގްޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓުގައި ވަނީ އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ ކަމަށްވާ ރިސާޗް އެންޑް އެނަލިސިސް ވިންގް (އާރްއޭޑަބްލިޔު) އިން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ސަރުކާރާ އިދިކޮޅު ސިޔާސީ ލީޑަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދިނުމާއި، ސިފައިންނާއި ފުލުހުންގެ އިސް 10 އޮފިޝަރަކަށް ރިޝްވަތު ދިނުމާއި، ރާއްޖޭގެ ނަން މަޝްހޫރު ތިން ގޭންގަކަށް ރިޝްވަތު ދިނުން ހިމެނޭ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.

އެ ޕްލޭން ތަންފީޒުކުރަން ބޭނުންވާ ހަ މިލިއަން ޑޮލަރު އިންޑިއާއިން ހޯދުމަށް އެ ގައުމާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެ އެވެ. ނަމަވެސް އެ ޕްލޭނާ އެއްގޮތަށް ކަންކަން ނުދިއުމުން އިންޑިއާއިން ފައިސާ ދޭން ދެކޮޅު ހަދާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.