ސްޓާ ޕްލަސްގެ ސިލްސިލާ މަގުބޫލު ސިލްސިލާ "އަނޫޕަމާ" ދޫކޮށްލަން ނޫޅޭ ކަމަށް އޭގެ ޓައިޓްލް ރޯލު ކުޅެމުން އަންނަ ބަަލާ ރުޕާޕީ ގަންގޫލީ ބުނެފި އެވެ.
ތިން މަހެއްހާ ދުވަސް ފަހުން އޭނަ އެ ސިލްސިލާ އިން ވަކިވާމް ނިންމާފައިވާ ކަމަށް އިއްޔެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން 47 އަހަރުގެ ބަތަލާ މީޑިއާތަކަށް އިއްޔެ ފޮނުވި ވޮއިސް ނޯޓެއްގައި ބުނީ އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި 2020 އިން ފެށިގެން ދައްކަމުން އަންނަ "އަނޫޕަމާ" ކުރިއަށް ގެންދާހާ ހިނދަކު އެ ޝޯއާ އެކީ އޭނަ ވާނެ ކަމަށް ބުންޏެވެ.
"މީގެ ކުރިން ވެސް އަހަރެން އެއިން ވަކިވާން އުޅޭ ކަމަށް ބުނެ ދޮގު ވާހަކަތަކެއް ދެކެވުނި. މި ފަހަރު ވެސް ދެކެވެނީ ހަމަ އެފަދަ ވާހަކަތަކެއް." ރުޕާލީ ބުންޏެވެ.
އޭނަ ބުނީ "އަނޫޕަމާ" އަކީ މިހާރު ހަޔާތުގެ ވަރަށް ހިއްސާއެއް ކަމަށާއި އެއިން ލިބެން ފެށި ލޯތްބާއި ސަޕޯޓްގެ ސަބަބުން އަމިއްލަ ދިރިއުޅުމަށް ވެސް ހެޔޮ ބަދަލުތަކެއް އައިސް ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށެވެ.
"އަނޫޕަމާކީ އަބަދު ވެސް އަހަރެން ޝުކުރުވެރިވާނެ މަސައްކަތެއް. މިއިން ފުރުސަތު ދިން ކަމަށްޓަކައި ޕްރޮޑިިއުސަރު ރަޖަން ޝާހަށް މުޅި އުމުރުގައި ވެސް ޝުކުރުވެރިވާނަން." އޭނަ ބުންޏެވެ.
ރުޕާލީ ބުނި ގޮތުގައި އެންމެ ބޮޑު އެއް އުފަލަކީ "އަނޫޕަމާ" އާ އެކު ކުރިއަށްދާން ފިރިމީހާ އަޝްވިން ކޭ ވަރުމާ ދޭ ހިތްވަރާއި އެއްބާރުލުމެވެ.
"އަދި އަނޫޕަމާގެ ގޮތުގައި ބެލުންތެރިން ދެމުން އަންނަ ހިފަހެއްޓުމެއް ނެތް ލޯތްބާއި ސަޕޯޓަކަށްޓަކައި ވެސް ޝުކުރު އަދާކުރަން." އޭނަ ބުންޏެވެ.
މީޑިއާތަކުން އިއްޔެ ރިޕޯޓްކުރި ގޮތުގައި ރުޕާލީ "އަނޫޕަމާ" އިން ވަކިވާން ނިންމީ އެއަށް ގެނެސްފައިވާ 15 އަހަރުގެ ލީޕާ އެކު މިހާރު އޭގެ މައިގަނޑު ޕްލޮޓް ކާސްޓްގައި ހިމެނޭ ޒުވާން ތިން ތަރިއެއްގެ ލޯބީގެ ކަންތައްގަނޑަކަށް ހާއްސަވުމެވެ.
މި ސިލްސިލާ ފެށި އިރު، މުހިއްމު ރޯލުތައް ކުޅުނު ގިނަ ބައިވެރިން އެކި ސަބަބުތަކާ ހެދި ވަކިވެގެން ގޮސްފައިފައިވެ އެވެ.
އޭގެ ތެރޭގައި އަނޫޕަމާގެ ފިރިމީހާ، ވަންރާޖް ޝާގެ ރޯލު ކުޅުނު ސުދާންޝޫ ޕާންޑޭ އާއި ކައިވެނީގެ ބޭރުން ވަންރާޖް ހިންގި ގުޅުން ފަޅާއަރައި ފަހުން ކައިވެނިކުރި ކާވިއާގެ ކެރެކްޓާ ކުޅުނު މަދަލްސާ ޝަރުމާގެ އިތުރުން އަނޫޕަމާގެ ފިރިހެން ދަރިންގެ ރޯލު ކުޅުނު ދެ އެކްޓަރުން ހިމެނެ އެވެެ.