Last Updated: May 10, 19:06
Saturday, May 10, 2025
ޚަބަރު

ގައްސާން ވެސް މި ހަފުތާގައި އިންޑިއާ އަށް

'އިންޑިއާ އައުޓް' ކެމްޕޭންގައި ގައްސާން. ފޮޓޯ/ އަދަދު

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވެސް އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ހަފުތާގެ ތެރޭގައި ޑިފެންސް މިނިސްޓަރު އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށެވެ.

ގައްސާންގެ މި ދަތުރު ވާނީ ޑިފެންސް މިނިސްޓަރުގެ ހައުސިއްޔަތުން އިންޑިއާ އަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރަށެވެ.

ގައްސާން އިިންޑިއާ އަށް ވަޑައިގެން ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ތަމްރީނާއި ތައުލީމު ހޯދުމާއި ދެ ގައުމު ގުޅިގެން މަސައްކަތްތަކެއް ކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.

ގައްސާންގެ އިންޑިއާ ދަތުރު ހަމަޖެހިފައި ވަނީ މި މަހުގެ 7-8 އަށެވެ.

ޑިފެންސް މިނިސްޓަރު އިންޑިއާ އަށް ވަޑައިގަންނަވާ އިރު، މި ސަރުކާރުން ވަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބީޓް ދުއްވުމާއި ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައިފަ އެވެ. އޭގެ ބަދަލުގައި މިހާރު ރާއްޖޭގައި ތިބީ އިންޑިއާގެ މަދަނީންތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭރުކުރަން ގޮވާލައި ކުރީގެ ސަރުކާރުގެ ދުވަސްވަރު "އިންޑިއާ އައުޓް" ގެ ނަމުގައި، މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންތަކެއް އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދިޔަ ކެމްޕޭންގައި ގައްސާނަކީ ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.