މި އަހަރު ރިލީޒްކުރާ އަކްޝޭ ކުމާރުގެ ފުރަތަމަ ފިލްމު "ސްކައި ފޯސް" ގެ ޓްރެއިލާ މިއަދު ދައްކާލައި، ފިލްމު ސިނަމާތަކަށް ގެންނަ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ މި މަހުގެ 24 ގަ އެވެ.
ދިނޭޝްގެ ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސްކޮށް، ސަންދީޕް ކެލްވާނީ އާއި އަބީޝެކް އަނިލް ކަޕޫރް ޑައިރެކްޓްކޮށްފައިވާ "ސްކައި ފޯސް" އަކީ ހަނގުރާމަ ފިލްމެކެވެ. ވަތަނީ ރޫހުގައި ގެނެސްދޭ މި ފިލްމުގައި ދައްކުވައި ދޭނީ 1965 ގައި އިންޑިއާގެ ސަރޮގޯދާ ވައިގެ މަރުކަޒަށް ޕާކިސްތާނުން ދިން ހަމަލާތަކެއްގެ ރައްދުގައި އިންޑިއާ އިިން ދޭ ހަމަލާތަކެވެ. އަދި ދެ ގައުމުގެ މި ކުރިމަތިލުން ތާރީހުގައި ފާހަގަކޮށްފައި ވަނީ މިހާތަނަށް އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގައި ދިޔަ އެންމެ ވަރުގަދަ ވައިގެ ކުރިމަތިލުމުގެ ގޮތުގަ އެވެ.
ވައިގެ އަސްކަރިއްޔާގެ ޕައިލެޓެއްގެ ރޯލުން އަކްޝޭ ފެންނާނެ "ސްކައި ފޯސް" އިން ޒުވާން އެކްޓަރަކު ތައާރަފު ވެސް ކުރާނެ އެވެ. އެއީ ޕައިލެޓެއްގެ ރޯލު ކުޅެފައިވާ ވީރު ޕަހަރިއާ އެވެ. އޭނަ އަކީ ބަތަލާ ޖާންވީ ކަޕޫރްގެ ރައްޓެހިވެގެން އުޅޭ ކަމަށް އަޑުއަރާފައިވާ ޝިކާރް ޕަހަރިއާގެ ކޮއްކޮ އެވެ.
"ސްކައި ފޯސް" ގެ ކާސްޓްގައި ސާރާ އަލީ ޚާނާއި ނިމްރަތު ކޯރް އާއި ޝަރަދު ކެލްކަރާއި މޯހިތު ޗޯހަންގެ އިތުރުން މަނީޝް ޗައުދަރީ ވެސް ހިމެނެ އެވެ.
މި އަހަރު ރިލީޒްވާން ހުރި އަކްޝޭގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ޝަންކަރާ"، "ޖޮލީ އެލްއެލްބީ 3"، "ކަނައްޕާ" އަދި "ހައުސްފުލް 5" ހިމެނެ އެވެ. މިދިޔަ އަހަރު ވެސް އޭނަ ފަސް ފިލްމަކުން ފެނިފައިވެ އެވެ. އެއީ "ބަޅޭ މިޔާ ޗޯޓޭ މިޔާ"، "ސަރުފީރާ"، "ކޭލް ކޭލް މޭ"، "އިސްތިރީ 2" އަދި "ސިންގަމް އެގެއިން" އެވެ.