Last Updated: April 30, 21:06
Wednesday, April 30, 2025
ޚަބަރު

ބަލިތައް އިތުރުވެދާނެތީ ސަމާލުވާން އެދިއްޖެ

ރޯގާ ކްލިނިކް - ފޮޓޯ: ސަން

މި ދުވަސްވަރު ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެދާނެތީ ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މި ދުވަސްވަރަކީ ވަރަށް ގިނަ ފަރާތްތަކުން އުމްރާއިންނާއި އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ ދުވަސްވަރު ކަމުން، ނޭވާލާ ނިޒާމުގެ ބަލިތައް މިދުވަސްވަރު ރާއްޖޭގައި އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ހުރިހާ ފަރާތްތަކުން ވެސް ތިރީގައިވާ ކަންކަމަށް ސަމާލުވާން ދޭން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސަމާލުކަން ދޭންވީ ކަންކަން:

– ރޯގާ އަދި ކެއްސުންފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން އާއްމު ތަންތަނަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުމާއި، އުމުރުން ދުވަސްވީ މީހުންނާއި، ތުއްތު ކުދިންނަށް ޒިޔާރަތް ނުކުރުން.

– ނޭވާލަން އުނދަގޫވުން، މޭގައި ރިއްސުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ނުވަތަ އަލާމާތްތައް ގިނަދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން.

– ބަލިޖެހިގެން ބޮޑުވަރު ވެދާނެ ފަރާތްތަކުން (ނޭވާހިއްލުންފަދަ ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުން، ދިފާއީ ބާރު ބަލިކަށި މީހުން، އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، މާބަނޑު މީހުން) ބަލީގައި ބޮޑުވަރު ނުވިކަމުގައި ވިޔަސް އަވަހަށް ސިއްހީ ފަރުވާ ހޯދުން.

މީގެއިތުރުން އެޗްޕީއޭ އިން ވަނީ ޗައިނާގައި މިދުވަސްވަރު ފެތުރެމުންދާ ނޭވާލާ ނިޒާމުގެ ބަލިތައް މޮނީޓާ ކުރަމުންދާ ކަމަށްވެސް ބުނެފަ އެވެ. ފިނި މޫސުމާ ދިމާކޮށް ޗައިނާ އަދި ފިނި މޫސުން އަންނަ އެހެން ގައުމުތަކުގައި އާންމުކޮށް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ ކަމަށާއި މިދިޔަ އަހަރާއި އަޅާ ބަލާއިރު ޗައިނާގައި މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި، ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދު ކަމަށް ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.