ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ފަޔާޒު މަންސޫރު އައްޔަންކޮށްފި އެވެ.
މިއީ މި ސަރުކާރު އައި ފަހުން އެ ކުންފުނީގެ ޑީއެމްޑީއަކަށް ބޭފުޅަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ. އެނގިފައިވާ ގޮތުގައި އެޗްޑީސީގެ ޑީއެމްޑީއަކަށް ފަޔާޒު އައްޔަންކުރީ މިދިޔަ މަހުގެ 26 ގަ އެވެ. އަދި އޭނަ އޮފީހަށް ނުކުންނަވަން ފެއްޓެވީ މިއަދެވެ.
އާކިޓެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ފަޔާޒު ވަނީ ކުއަންޓިޓި ސާވޭ އިން ޑިގްރީ ހައްދަވައިފަ އެވެ. އޭނަ ބިލްޑިން ސައިންސް އިން މާސްޓާސް ހެއްދެވީ ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީންނެވެ.
އެޗްޑީސީގެ ޑީއެމްޑީގެ މަގާމު އެންމެ ފަހުން ފުރުއްވީ މިދިޔަ ސަރުކާރުގައި އަހުމަދު ގައިސް އެވެ.
އެޗްޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ މައުރޫފް ޖަމީލެވެ.
އޭނަ އެ މަގާމަށް މިދިޔަ މަހު އައްޔަންކުރީ ކުރިން އެމްޑީއަކަށް ހުންނެވި ފަޒުލް ރަޝީދުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކާ ގުޅިގެން މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް އިސްތިއުފާ ދެއްވުމުންނެވެ.