ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފޭދޫގައި، އިމާރާތްކުރި ހައުސިން ޔުނިޓްތަކުން ނަޖިސް ބޭރުވާ މައްސަލަ ބޮޑުވެއްޖެއެވެ.
"އައްޑޫލައިވް"އާއި ވާހަކަ ދެއްކި ހައުސިން ޔުނިޓްގެ ވެރިއަކު ބުނީ ފާހާނާތަކުން ނަޖިސް ބޭރުވެ، އެ މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.
ޑައުންޕޭމަންޓަކަށް 19،000 ރުފިޔާ ދެއްކުމަށްފަހު، މަހަކު 3000 ރުފިޔާ ދައްކާ ހައުސިން ޔުނިޓްތަކުގެ ފެންވަރު ދަށްވާހަަކަ އެތަން ލިބުނު ފަރާތްތަކުން އަބަދުވެސް ދަނީ ކުރަމުންނެވެ.
ހައުސިން މިނިސްޓަރީގެ ބެލުމުގެ ދަށުން، އިމާރާތް ކުރެވިފައިވާ މި ޔުނިޓްތަކުގެ ތެރެއިން ބައެއް ތަންތަނުގެ ފާހާނާއިން ނަޖިސް ބޭރުވާ މައްސަލަ ހައްލުކުރުމަށް އެތަނުގެ ވެރިން ވަނީ ތަފާތު މަސައްކަތްތަކެއް ކޮށްފައެވެ.
"ފާހާނާއިން ނަޖިސް ބޭރުވާތީ، އެތަނަށް ވަދެވޭ ވަރު ނުވޭ. މިކަން ހައްލުކުރުމަށް ބަޔަކަށް ފައިސާދީގެން ވެސް މަސައްކަތް ކުރެއވިއްޖެ. އަދިވެސް ހައްލެއް ނުލިބޭ"
ފޭދޫ ހައުސިން ޔުނިޓްގެ އެހެން ވެރިއަކު ބުނީ މިމައްސަލަ ފޭދޫ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ ގޮތަށް މައްސަލަ ހައްލުކޮށްދެއްވުމަށް މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ.
"މީ ބޮޑު އަގު ދައްކައި ދިގު މުއްދަތު ހަލާސްކޮށް، އަމިއްލަ ކުރެވޭ ތަންތަން، މިތަނަކީ ސަރުކާރުން، ބަޔަކު ލައްވާ ކުރުވާފައިވާ ބޮޑު މަސައްކަތެއް. މިކަން ހައްލުކޮށްދެވޭނީ ސަރުކާރުން، މިކަން ކޮށްދެއްވުމުން.
ފޭދޫ ހައުސިން ޔުނިޓްތަކުން ނަޖިސް ބޭރުވާތީ، ބައެއް ފަރާތްތަކުން ވަނީ ޖަންކްޝަން ހިއްކައިގެން މައްސަލަ ހައްލު ކުރެވޭތޯ ބަލާފައެވެ. ނަމަވެސް އެކަމަށް ހައްލެއް ނުލިބޭކަމަށް އެފަރާތްތަކުން ބުނެއެވެ.