Last Updated: May 10, 19:06
Saturday, May 10, 2025
ޚަބަރު

އިންޑިއާ މީހަކު ރާއްޖޭގައި މަރާލި ކަމަށް ބުނެފި

ރާއްޖޭގައި އިންޑިއާގެ މީހަކު މަރާލި ކަމަށް ބުނެ އެ މީހާގެ އާއިލާ އިން އެ މައްސަލަ އެ ގައުމުގެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާ އަހަރު ފާހަގަކުރުމާ ދިމާކޮށް ރާއްޖޭގައި މަރާލި ކަމަށް ތުހުމަތުކޮށްފައި ވަނީ އިންޑިއާގެ ޖަގާދުރީ އަށް ނިސްބަތްވާ ރަވިންދުރަ ސަހާނީ، 32، އެވެ.

އޭނަ އަކީ މީގެ ދެ އަހަރު ކުރިން ފެށިގެން ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރަމުން އައި މީހެކެވެ. ރަވިންދުރަ މަރުވެފައި އޮއްވައި ފެނުނީ ޑިސެންބަރު މަހުގެ 31 ގައި އޭނަ ހުރި ކޮޓަރީގެ ފާހާނާ ތެރެއިންނެވެ.

އާއިލާ އިން މީޑިއާތަކަށް ބުނި ގޮތުގައި ރަވިންދުރަ މަރުވި ޚަބަރު އާއިލާއަށް ދިނީ އޭނައާ އެކީ އެއް ކޮޓަރިއެއްގައި އުޅުނު އިންޑިއާގެ މީހެއް ކަމަށްވާ ޝަމްބޫ އެވެ. އަދި އެ ޚަބަރާ އެކީ އާއިލާ ރާއްޖެ އައިސް ރަވިންދުރަގެ ހަށިގަނޑު ހަވާލުކޮށް ދޭން އެދުމުން މިހާތަނަށް ހަށިގަނޑު ހަވާލުކޮށްފައި ނުވާ ކަމަށް މީޑިއާތަކާ ވާހަކަ ދެއްކި ރަވިންދުރަގެ ބައްޕަ، ރާމްޕްރީތު ސަހާނީ ބުންޏެވެ.

އޭނަ ބުނި ގޮތުގައި ދަރިފުޅު މަރުވި ޚަބަރު ލިބުނީ އާއިލާއާ ބައްދަލުކުރަން މިދިޔަ މަހުގެ 10 ގައި އިންޑިއާ އަށް ގޮސްފައި ދިޔަ ފަހުންނެވެ. އެނބުރި ރަވިންދުރަ ރާއްޖެ އައީ ޑިސެންބަރު 24 ގައި ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

ރާމްޕްރީތު ބުނީ ދަރިފުޅު މަރުވީ އަމިއްލަ އަށް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެންވެ އެ މަރު ތަހުގީގުކޮށް ދޭން އާއިލާ އިން އެދިފައިވެ އެވެ.