Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ގުޅީފަޅުގެ މަގުތައް ހަދަން ޗައިނާގެ ސީއެމްއީސީ އަށް

"ބިންވެރިޔާ" ސްކީމުގެ ގޯތި ދޫކޮށްފައިވާ ކ. ގުޅީފަޅުގެ މަގުތަކާއި އެ ރަށުގެ ހިދުމަތްތައް ދިނުމަށް ބޭނުންވާ މުނިސިޕަލް އިމާރާތްތައް ހަދަން ޗައިނާގެ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްފި އެވެ.

ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. ސީއެމްއީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ރީޖަނަލް ޖެނެރަލް މެނޭޖަރު، ޝެން ހައު ޖިން އެވެ.

މުއްތަލިބު ވިދާޅުވީ މިއަދު ސޮއިކުރި މި އެެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ޗައިނާއަށް ވަޑައިގެން ސޮއި ކުރެއްވި އެމްއޯޔޫތަކުގެ ދަށުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.

އެގޮތުން މި މަޝްރޫއުގެ ތެރެއިން ގުޅީފަޅުގެ ކަރަންޓް ވިއުގަ ގާއިމު ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމާއި ޑިއު ވޯޓަރިން ސިސްޓަމް ގާއިމު ކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ޖީޕޯން ޑަކްޓިން ސިސްޓަމް ގާއިމު ކުރުމުގެ އިތުރުން
ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސިސްޓަމް ގާއިމު ކުރުން ވެސް ހިމެނެ އެވެ.

ސީއެމްއީސީ އަކީ ރާއްޖޭގެ ކުރިން ވެސް ތަފާތު މަޝްރޫއުތައް ހިންގާފައިވާ ރާއްޖެ އަށް މިހާރު ވަރަށް ފަރިތަ ކުންފުންޏެކެވެ.