Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ޕާކިސްތާނުން ވެސް ރާއްޖެ އަށް އާ ސަފީރެއް

ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ފައިސަލް ރަސުލް ލޯދީ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފި އެވެ.

އެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

އެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.

އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެ އަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފަ އެވެ. އެއަށް ފަހު އައު ސަފީރާ ރައީސް ބައްދަލު ކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާތައް ހިމެނެ އެވެ. ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ އައު ސަފީރު ވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި މެދު ރައީސާއި ރާއްޖެއިން ގެންގުޅުއްވާ ސިޔާސަތަށް ތައުރީފު ވެސް ކުރައްވައިފަ އެވެ.