އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު, އޮޅުވާލައިގެން ޕީއެންސީ އަށް ވެއްދި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
ތޯރިގު ފުލުހުންގެ އިދާރާ އަށް ފޮނުވި ސިޓީގައި ވިދާޅުވީ އޭނާ ޕީއެންސީއަށް ވެއްދުމަށްޓަކައި ހުށަހަޅާފައިވާ ފޯމުގައި ޖަހާފައިވަނީ އޭނާގެ ފޮޓޯއާއި ސޮއި އަދި ފިންގަޕްރިންޓް ނޫން ކަމަށެވެ. އަދި އެ ފޯމުގައި ހެކީންގެ ގޮތުގައި ނަން ޖަހައި ސޮއިކޮށް، ފިންގަޕްރިންޓް ޖަހާފައިވަނީ އޭނާ ދަންނަ ބައެއް ނޫން ކަމަށް ތޯރިގުގެ ސިޓީގައި ވެ އެވެ.
ތޯރިގު ވަނީ ފުލުހުން ފިންގަޕްރިންޓާއި ފޮޓޯ އަދި ސޮއި ފޮރެންސިކް ތަހުލީލުކޮށްގެން ބެލުމަށްފަހު، ފޯމުގައި ޖަހާފައިވަނީ ކާކުގެ ފޮޓޯއެއް ކަމާއި، ފިންގަޕްރިންޓް އަދި ސޮއިކަން އޭނާއަށް އަންގައިދިނުމަށް އެދިފަ އެވެ. އަދި ފޯމުގައި ހެކީންގެ ގޮތުގައި ނަން ޖަހާފައިވާ ދެ ފަރާތުން ކޮށްފައިވަނީ އެ ފަރާތްތަކުގެ ސޮއި އަދި ފިންގަޕްރިންޓްކަން ކަށަވަރުކޮށްދޭން ވެސް ސިޓީގައި ވަނީ އެދިފަ އެވެ.
މިފަދަ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާއިރު، އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، ވަކިން ހާއްސަކޮށް ވެރިކަން ކުރާ ޕީއެންސީގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް އެމްޑީޕީން ދާދިފަހުން ވަނީ ބުނެފަ އެވެ.