Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

ކުރިއަށް އޮތީ ތަރައްގީގެ ދުވަސްތަކެއް: ރައީސް

މި ފެށިގެންދިޔަ އަހަރަކީ ތަރައްގީގެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200، އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ހަފުލާގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް މިއޮތީ ތަރައްޤީގެ މަސައްކަތުގެ ދުވަސްތައް ކަމަށާއި މި އަހަރަކީ، ތަރައްޤީގެ އަހަރު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ލޮބުވެތި ދިވެހި ރައްޔިތުން ދެކޭނީ، ދެކެވަޑައިގަންނަވާނީ، ޢަމަލީގޮތުން ތަރައްޤީ ފެނިގެންދާ ތަން. ކޮންމެ ދާއިރާއަކުންވެސް. އެއީ، އިޤްތިޞާދީ ދާއިރާތަކުން ކަމުގައިވިޔަސް، ޢުމްރާނީ ތަރައްޤީއާ ގުޅިފައިވާ އެކިއެކި ދާއިރާތަކުން ކަމުގައިވިޔަސް، އިޖުތިމާޢީ ގޮތުން ޤައުމަށް ގެންނަން އަޅުގަނޑުމެން މަސައްކަތް ފަށައިފައި މިވާ، ހެޔޮ ބަދަލުތަކުގެ ދާއިރާއިން ކަމުގައިވިޔަސް،" ރައީސް ވިދާޅުވި އެވެ.

ޤައުމުގައި ތަރައްޤީގެ ކަންކަން ވަރަށް ބާރުމިނުގައި ކުރިއަރައިގެންދާ އަހަރަކަށް، މިއަހަރު ވެގެންދާނެ ކަމަށާއި ތަރައްޤީއާއެކު ޤައުމުގައި ހަމަޖެހުން ޤާއިމުވެގެން ދިއުމާއެކުގައި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޔަގީންކަމާއެކީގައި ދެމެހެއްޓިގެން ދާން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ތިން ކަންތައް އެކުއެކީގައި، ހާސިލުވެގެންދާ، ވަށައިޖެހޭ ތަރައްޤީއެއް ޤައުމަށް ގެނެސްދިނުމަށް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. އަޅުގަނޑުމެން އެންމެން އެކުގައި މި ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން މިއަދު ގެނައި ބޯޓުގައި ޖުމްލަ 264 ގޮނޑި ހިމެނޭއިރު، މި ބޯޓުގައި ތިން ކުލާހެއް ހިމެނެ އެވެ. އެއީ 18 ގޮނޑީގެ ބިޒްނަސް ކުލާސް، 36 ގޮނޑީގެ ފްރިމިއަމް އިކޮނޮމީ ކުލާހުގެ އިތުރުން 210 ގޮނޑީގެ އިކޮނޮމީ ކުލާހެވެ.

ވައިޑް ބޮޑީގެ ބޯޓުގައި އެންމެ ފުރަތަމަ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ ޗައިނާއަށެވެ.

މީގެއިތުރުން މޯލްޑިވިއަން އިން ވަނީ އިޓަލީ އާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ދެކުނު އެފްރިކާއަށް ދަތުރުތައް ފަށަން ނިންމާ ޖެނެރަލް ޕަސެންޖާ ސޭލްސް އެޖެންޓުންގެ ހިދުމަތް ހޯދަން ވެސް އިއުލާނުކޮށްފަ އެވެ.